މިއަދު ހުޅުމާލެ ފޭސް 2 ގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ”ގޯ ގްރީން“ ގެ ނަމުގައި ބޭއްވުނު ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކޮށްފި އެވެ.
”ގޯ ގްރީން“ އިވެންޓަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވި ”މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން“ މި ޝިއާރުގެ ދަށުން 1000 ގަސް އިންދުމަށް އެޗް.ޑީ.ސީ އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި އިވެންޓް ޝަރަފްވެރިކޮށްދެއްވާފައިވަނީ އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ގައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ފާހަގަކުރައްވާ ”ގޯ ގްރީން“ މަޝްރޫއަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ފާހަގަ ކުރައްވާފަ އެވެ. ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ގޮވާލާ ކޮންމެ ބޭފުޅެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ރަސްމިއްޔާތުގެ ތެރެއިން ރަސްމިއްޔާތުގެ ބައިވެރިން ވަނީ ހުޅުމާލޭގައި ގަސް އިންދުމުގެ މަޝްރޫއު ފަށާފަ އެވެ. މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ މިނިސްޓަރ ޠާރިޤު އިބްރާހީމެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައި ވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިން ނެވެ.
”ގޯ ގްރީން“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީއާއި އިވެންޓްގެ ސްޕޮންސަރުންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް