ވެމްކޯއިން ގދ. ތިނަދޫގައި ހިދުމަތް ފަށައިފި އެވެ.
ވެމްކޯގެ ހިދުމަތްތައް ގދ. ތިނަދޫގައި ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.
މި ހަފްލާ ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ގދ. ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރެވެމުންދިޔަ ގޮތަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ވަސީލަތް މަދު ކަމާއި، ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދުކުޑަގޮތެއްގައި އެ މަސައްކަތްކުރުމަށް ހުރި ގޮންޖެހުމަށްވެސް ވަޒީރު ބައްލަވާލެއްވި އެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން ”މަގޭ ސާފު ރާއްޖެ“ މަޝްރޫއު މިހާރު ވަނީ ލޯންޗް ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާސްޓަރ ޕްލޭނެއްގެ ދަށުން ރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން، ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ވިލުންވެރި ރާއްޖެއެއް ބިނާކުރުމުގައި ސަރުކާރުން ފަށާފައިވާ ”މަގޭ ސާފު ރާއްޖެ“ ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް ’މަގޭ ސާފު ރާއްޖެ‘ އަކީ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ ”ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ގައުމީ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި، އިއުލާނުކޮށް ތަންފީޒުކުރަން ފެށުން“ ، މި ވައުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމެކެވެ.
’މަގޭ ސާފު ރާއްޖެ‘ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްގީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް