މޯލްޑިވްސް އިމިގްރޭޝަނުން ބުޅާ މަހުން ކާނާ ތައްޔާރުކުރާ ބިދޭސީއެއް ހޯދަން ނޯޓިސްއެއް އިއުލާންކޮށްފި އެވެ.
މާލެ ސަރަހައްދުގައި ބުޅާ މަރާލުމާއި، ކާބޯތަކެތި ތައްޔާރުކުރުމަށް ބުޅަލުގެ މަސް ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއް ފެތުރިފައިވާތީ، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބިދޭސީއަކު އެ މުއައްސަސާއަށް ހާޒިރުވާން ނޯޓިސް ދީފަ އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަރްފާތު ހޮސަން ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ މިއަދު އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލަކު ”މިހާރު ނިއުސް“ އަށް މައުލޫމާތުދިން ގޮތުގައި އަރްފާތަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށް ފެނިފައިވާ ކަމަށާއި އެ ޗިޓް ނެރުނީ މާލޭގައި ބުޅާ މަރާލައި ކާބޯތަކެތި ތައްޔާރު ކުރުމަށް ބުޅަލުގެ މަސް ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓް ކުރުމުން ކަމަށެވެ.
އެ ނޯޓިސްގައި އެ އިދާރާއަށް ހާޒިރުވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ސޯޝަލް މީޑިއާގައި ފެންނަ ވީޑިއޯތަކުން ދައްކާ ގޮތުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީގައި ހުންނަ ޕާކިން ޒޯނުގައި އަރްފާތާއި އާންމު މީހަކު ސުވާލުކޮށްފައި ވެއެވެ. ވީޑިއޯގައި ޕްލާސްޓިކް ކޮތަޅު ހިފައިގެން ޕާކިން ޒޯނުގައި ހުންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ އެ ކޮތަޅަށް ބުޅާ އަޅައިގެން ގެއަށް ގެންދިއުމަށް ބޭނުން ކުރާ ކަމަށެވެ.
ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިއުކުރި ފަރާތުން ވެސް އަރްފާތު ދިރިއުޅޭ ގޭގެ ބޭރުން ނަގާފައިވާ ކްލިޕްތައް ދައްކާފައިވާއިރު، އެ ސަރަހައްދުން ބުޅަލުގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް އަވަށްޓެރިން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
”އަދި އެމީހުންނަށް އަޑުއިވިފައި ވަނީ ބުޅަލުގެ ރުއިމުގެ އަޑު. މިތަނަށް ވަދެގެން [އަރުފާތުގެ ގެ ހުންނަ ގޯޅިން] ފެންނަނީ ކާބޯތަކެތި ތައްޔާރު ކުރުމަށް ހަދާފައިވާ ތަނެއް. މައްޗަށް ދާ ވެންޓިލޭޝަން ހޮޅި ޖަހާފައި ހުންނަނީ ބިދޭސީންގެ ގެއަށް،“ ވީޑިއޯގައި ވާހަކަދައްކާފައިވާ ފަރާތުން ބުނެފައި ވެއެވެ.
މީގެ އިތުރުން އަރްފާތު ކުރިން އިނގިރޭސި ބަހުން ލިޔެފައިވާ ލޯގޯ ޖަހައިގެން ބާގަރސް އާއި ސަބްމެރިން ހަދާފައިވާކަން ވެސް ވީޑިއޯގައި ފާހަގަކޮށްފައިވާއިރު، އެކަން ވީޑިއޯގައި ދައްކާފައި ވެއެވެ. ނަމަވެސް މިހާރު އޭނާ ހަދާ ކާބޯތަކެތީގައި މި ލޯގޯ ނުގެން ގުޅެ އެވެ.
”ބާގަރއާއި ސަބްމެރިން އަކީ އަހަރެމެންގެ ކުޑަކުދިންގެ ސްކޫލް އިންޓަވަލްތަކަށް ހޯދާ ތަކެތި. މިއަދު މިކަމާ ވަރަށް ކަންބޮޑުވޭ،“ ވީޑިއޯގައި ބުނެފައިވެ އެވެ.
ސަރުކާރުން ދަނީ ލިޔެކިޔުންތައް ނެތް ބިދޭސީ މަސައްކަތްތެރިންނާއި އިމިގްރޭޝަންގެ ގާނޫނުތަކާ ހިލާފުވާ އެކިއެކި މައްސަލަތަކުގައި ފިޔަވަޅު އަޅަމުން ނެވެ. އެގޮތުން، މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގިނަގިނައިން ރޭޑްތައް ހިންގާފައިވާއިރު، ސާފުތާހިރުކަން ކުޑަ ހާލަތެއްގައި ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.