ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް މަގުމައްޗަށް ނިކުންނަން ކެރޭ ވަރުގެ މީހަކު އެމްޑީޕީގައި މިހާރަކު ނެތްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.
އަންވަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކުރީ ސަރުކާރުގެ ބޮލުގަ ކަންކަން އަޅުވާފަ ރެކެން ނުހައްދެވުމަށެވެ. އަދި މިވަގުތު އެމްޑީޕީ މަގުމައްޗަށް ނިކުމެ ކަންކަން ރައްޔަތުންނަށް ސާފު ކޮއްދޭން ފަށައިފިނަމަ ރިހޭ ފައިމައްޗަށް ފޮއި ވެއްޓޭނެކަމަށް އަންވަރުގެ ޕޯސްޓިގައި އޭނާ ވިދާޅުވި އެވެ.
އަންވަރަށް ރައްދުދެއްވައި، ނުރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ގައުމި މި ހާލަތަށް ދިޔައީ އެމްޑީޕީން ވައުދުވީ ގޮތަށް ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ނުކުރުމުން ކަމަށެވެ. އަދި މަގު މައްޗަށް ނިކުންނަން ކެރޭ މީހެއް މިވަގުތު އެމްޑީޕީގައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަންވަރަށް އެކަނި ތި ކަމެއް ނުވާނެ. އަދިވެސް ބުއްދިވެރިވާނީ މަ ބުނާ ގޮތް ހެދުން.
ރާއްޖޭގެ އިޤްތިސާދު ނާޒިކު ހާލަތަކަށް ވެއްޓިފައިވާއިރު، ރާއްޖެ މި ހާލަތަށް ވެއްޓުނީ ފާއިތުވި 10 އަހަރު ނެގި ދަރަނީގެ ސަބަބުންކަމަށް ވޯލްޑް ބޭންކްގެ އިކޮނޮމިސްޓަކުވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި މިހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިންވެސް ވަނީ ރާއްޖެ އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެކަމަށްވެސް ލަފާކޮށްފަ އެވެ.