ނާޒިންމާދާރުކޮށް ހިންގާފައިވާ ކަންކަމުން އަރައިގަނެވޭނީ ހަރަދު ކުޑަކޮށްގެން ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެލްތް މިނިސްޓަރު ވިދާޅުވީ ނާޒިންމާދާރުކޮށް މީގެކުރިން ހިންގާފައިވާ އިގްތިސާދީ ގޮތުން ދެކޮޅުނުޖެހޭ ކަންކަމުން އަރައިގަނެވޭނީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކޮށްގެން ކަމަށެވެ. ހަލީލް މިގޮތަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދައުލަތުގެ ހަރަދުތައް ކުޑަކުރަން ނިންމެވި ނިންމެވުންތަކަށް އިޝާރާތްކުރައްވާފަ އެވެ.
”އަދުގެ ރައީސް މުއިއްޒުގެ މި ނިންމެވުމަކީ ގައުމަށްޓަކައި ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް.ﷲގެ ވާގިފުޅާއެކު، މިނިންމެވުން ތަކާއެކު ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް“
ރައީސް މިފަދައިން ނިންމެވީ ފާއިތުވީ 10 އަހަރުގައި ރާއްޖޭގެ ދަރަނި ފުނިޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ނުރައްކާވާ ކަމަަށް ވޯލްޑް ބޭންކުން އިންޒާރު ދީފައި ވަނިކޮށެވެ. ވޯލްޑް ބޭންކުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ރައީސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަަކައި ގިނަ ފިޔަވަޅުތަަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
”މިގޮތުން، ކުރިއަށް އޮތް މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުަން ކުޑަކުރުމަށް ވާނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފަ“
ރައީސް ވިދާޅުވީ މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށް ހާމަކުރައްވާފަ އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް