މިއަހަރު ނިމެންވާއިރަށް ހުރިހާ ޓަވަރުތަކުގެ މަސައްކަތް ނިންމުމަށް އަމާޒު ކުރައްވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓާ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ހަމްދާން މިގޮތަށް ވިދާޅުވީ އިއްޔެ އެފްޑީސީގެ ޓަވަރުތައް ބެއްލެވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަމްދާން ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ފްލޯތަކުގެ 48 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށެވެ. އަދި އިމާރާތް ކުރުން ލަސްވުމަށް މެދުވެރިވާ ގޮންޖެހުންތައް ނެއްތުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ހަމްދާން ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހޯދައިގެން ނިމިދިޔަ ސަރުކާރުން ތަރައްގީކުރަން ފެށި “އަމާން އުދަރެސް” ގެ ޖުމްލަ 16 ޓަވަރު ބިނާކުރަމުން އެބަދެއެވެ. އެ ހުރިހާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއި އެވެ. އަދި “އަމާން ދޯދި” ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައިވަނީ އެންބީސީސީ އާއި އެވެ.