ހަރަދު ކުޑަކުރުމުގެ ގޮތުން މަޖިލީސް މެންބަރުން ނަމޫނާ ދައްކަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ސަލީމް މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާގެ އެ ޕޯސްޓުގައި ވަނީ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންއާއި ބެހޭގޮތުން މީޑިއާއަކުން ޝާއިއުކޮށްފައިވާ ހަބަރެއް ހިމަނުއްވާފަ އެވެ.
އަޒާން ވަނީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެމްބަރުންގެ އާއިލާގެ ފަރާތްތަކަށް އާސިއާން ގައުމުތަކުން ލިބޭ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އާންމުނަށް ނުލިބޭ އިންޝިއަރެންސެއް މެންބަރުންނަށް ލިބިވަޑައިގަންނަވަން ނުޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އަޒާން ވިދާޅުވެފައި ވެއެވެ. އަޒާންގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް މެންބަރުންނަށް ދައުލަތުން ފޯރުކޮށްދޭ ހެލްތް އިންޝުއަރެންސް ކަނޑާލަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މެންބަރުން މި މޭރުމުން ވާހަކަދައްކަވަމުން ދަނީ ރާއްޖޭގެ މާލީ ކުރިމަގު ނުރައްކާތެރި ހާލަތެއްގައި އޮތް ކަމަށް ލަފާކޮށް ވޯލްޑް ބޭންކުން ދެމުންދާ އިރުޝާދުގެ މަތިން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާއި ގުޅޭގޮތުންވެސް އަޒާން ވަނީ އެކްސްގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން އަޒާން ވަނީ 20 ޖޫން 2024 ގެ ނިޔަލަށް މުސާރައަށް ސަރުކާރުން ކުރި ހަރަދު 2461.7 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި 2578.3 މިލިއަން ރުފިޔާ ހަރަދުކުރި އަދަދެކެވެ. މީގެ އިތުރުން މުވައްޒަފުންގެ އިނާޔަތްތައް މި އަހަރު ވަނީ 137.9 މިލިއަން ރުފިޔާއަށް ދަށްވެފައިވާކަން ފާހަގަކުރައްވާފަ އެވެ.
”މި ހަރަދުކުޑަކުރުން ފުލުހުންނާއި އެމްއެންޑީއެފްގެ މުސާރަ ބޮޑުކުރުމަށް ތަންފީޒުކުރުމަށްފަހުވެސް ގެނެސްދީފައިވާއިރު، މިއީ ތަކުރާރުކޮށް ކުރާ ހަރަދުތައް ހުއްޓުވުމަށް ސަރުކާރުން ކުރާ ވައުދު ދައްކުވައިދޭ ކަމެެއް. ހަރަދުތައް އިތުރަށް ކުޑަކުރެވޭނީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ޕޮލިސީ ރެކޮމެންޑޭޝަންތަކަށް އަމަލުކުރުމުން“ އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލިސް އަހުމަދު އަޒާން އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)