ގައިދީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާ، ގާނޫނާއި ހިލާފަށް ޖަލަށް ތަކެތި އެތެރެކޮށްދިން މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 13 މުވައްޒިފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އެ އިދާރާގެ 13 މުވައްޒިފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން 9 މީހުން ހައްޔަރުކޮށްފައިވަނީ މާފުށިންނެވެ. 2 މީހަކު ކާށިދޫއިން ހައްޔަރުކުރިއިރު، އުތީމުން އެކަކު އަދި މާލެއިންވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔުނީފޯމު އެޅި މުޢައްސަސާތަކުގެ އޮފިސަރުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށްވާއިރު ނޭދެވޭ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވާ އޮފިސަރުންނަކީ ޤާނޫނާ ޚިލާފުވެފައިވާ ބައެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށާއި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށާއި މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ މި 18 މުވައްޒަފުންގެ ތެރެއިން 6 ފަރާތެއް އަމިއްލައަށް ކަރެކްޝަންސްގެ ވަޒީފާއިން މީގެކުރިން ވަކިވެފައިވާކަން ފާހަގަކޮށް އެމީހުންނަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.