ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރަމުންދިޔަ ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފައިވަނީ ސިހުރުހެދި ކަމުގެ ތުހުމަތުގައި ކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.
ފުލުހުން މިކަން ހާމަކުރީ މިރޭ ހޯމްލޭންޑް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ނެވެ.
މި ބައްދަލުވުމުގައި މައުލޫމާތުދެމުން ފުލުހުން ވަނީ ޝަމްނާޒް ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ސިހުރުހަދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އެހެން ނަމަވެސް، މި މައްސަލައިގައި އިތުރު ތަފްސީލު ހާމަކުރާނީ ފަހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުކުރިއަށްދާތީވެ، މިވަގުތު އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ތަހުގީގު ނިމުމުން މައުލޫމާތު ހާމަކުރެވެން އޮތްނަމަ، މައުލޫމާތު ހާމަކުރައްވާނެ ކަމަށް ފުލުހުން ބުންޏެވެ.
ޝަމްނާޒް އިނީީ ތިމާވެށްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން ޝަމްނާޒް ވަނީ މިހާރު މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބޭފުޅުންގެ މައުލޫމާތު ހިމެނޭ ބައިގާ ޝަމްނާޒްގެ ނަން ހިމެނޭ އިރު އޭނާ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ކަމަށް ބުނެފައިވަނީ އޭޕްރިލް 4، 2024 އިން ފެށިގެން ޖޫން 26، 2024 ގެ ނިޔަލަށް ކަމަށެވެ.
އިއްޔެ މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ޖޫން 23، ގަ އެވެ. ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުން ނެވެ. އިތުބާރު ހުރި ފަރާތަކުން ޖަވިޔަންޏަށް މައުލޫމާތު ދީފައިވާ ގޮތުގައި ރަމީޒާއި ޝަމްނާޒްގެ ކައިވެނި ރޫޅުނު ފަހުން އަދި މާގިނަ ދުވަހެއް ނުވެ އެވެ.
ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ‘ގާތްވާން’ ވެގެން ސިހުރު ހަދައިގެން ކަމަށް އަޑު ފެތުރެމުންދާއިރުު އޭނާ ސިހުރު ހެދި މަގްސަދު ފުލުހުން ބުނެދީފައި ނުވެ އެވެ.
ރަމީޒާއި ޝަމްނާޒްއަކީވެސް ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު މާލެ ސިޓީ ކައުންސިލްގެ މެންބަރުންނަށް ތިއްބެވި ދެމަފިރިން ނެވެ. ޝަމްނާޒްއާއި ރަމީޒް އެ މަގާމުތައް ދޫކޮށްލެއްވީ ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު ސަރުކާރުގެ މަގާމުތަކަށް އެރުމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ދިވެހި ފުލުހުންގެ ޚިދުމަތް ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް