ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސް ކަނޑާލަން ތާއީދު ކުރައްވާ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިގޮތަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކްސްގައި ޕޯސްޓު ކުރައްވަމުން ޝުޖާއު ވިދާޅުވީ މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް މިހާރުން މިހާރަށް ކަނޑާލައި ދިވެހި ރައްޔިތުންނަށް ލިބޭ އާސަންދަ އެކަނި ލިބޭގޮތަށް ބަދަލު ކުރަން ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އޭނާ އެކަމަށް ތާއީދުކުރައްވަނީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަމަށް ޝުޖާއު ވިދާޅުވެފައި ވެއެވެ.
ޝުޖާއު މިގޮތަށް ވިދާޅުވެފައިވަނީ ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ކަމަށް ފާހަގަކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ލަފާދީފައިވާ ދަނޑިވަޅެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް މެޑިކަލް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި މަޖިލީހުގެ ބަޖެޓުން ކަނޑައަޅާފައި އޮންނަނީ އަހަރަކަށް 24،000 ރުފިޔާ އެވެ. ހާރު މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދަށް ބަލާނަމަ އެއީ އަހަރަކަށް ގާތްގަނޑަކަށް 2.2 މިލިއަން ރުފިޔާ އެވެ.