އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ކަނޑުގެ ބާރަކީ މުހިންމު ރޯލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިގޮތަށް ވިދާޅުވީ ޖޫން މަހުގެ 25 އިން 27 އަށް ބާއްވާ 15 ވަނަ ސަމާ ޑާވޯސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ބެއިޖިން ޑެއިލީ އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
އެ ނޫހަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ކަނޑުގެ ބާރަކީ ވެސް، އިރުމައްޗާއި ހުޅަނގު ގުޅާލުމުގެ މުހިންމު ރޯލެއް އޮތް، ނުހަނު ފުދުންތެރިކަން ބޮޑު ގައުމެއް ކަމަށެވެ.
ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށާއި ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ހެޔޮ ކުރިއެރުމެއް ލިބިގެންދާނެ ކަން ސައީދު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އިންވެސްޓްކޮށް އިމާރާތްކުރާ ޗައިނާގެ ގިނަ ވިޔަފާރިތަކެއް ވެސް އެބަހުއްޓެވެ. ރާއްޖެ ފަދަ ކުދި ގިނަ ގައުމުތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުގެ ރެޒިލިއަންސް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން އެހީތެރިވެދެ އެވެ.
މީގެ އިތުރަށްވެސް، ސައީދު ވަނީ ބޮޑެތި ގައުމުތަކުގެ ކުރިއެރުމުން ކުދި ގައުމުތަކަށް ފައިދާ ކުރާކަމަށް ވިދާޅުވެފަ އެވެ. ރާއްޖެ ފަދަ ގައުމަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު ކަން ސައީދު ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަކީ ވަރަށް ކުޑަ އިގްތިސާދެއް ކަން ފާހަގަކުރައްވަމުން ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އިގްތިސާދު ކަމަށް ސައީދު ވިދާޅުވި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންއަށް އިޝާރާތް ކުރައްވައި ވަޒީރު ސައީދު ވިދާޅުވީ ބެއިޖިންއަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު ގިނަ ފަހަރަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކުވެރި، ފެހި، ސާފު އަދި ހިތްގައިމު މި ސިޓީ ވަރަށް ކަމުދާ ކަމަށެވެ. ބެއިޖިންއަށް ޒިޔާރަތްކުރައްވާ ކޮންމެ ފަހަރަކު ތަފާތު ރެސްޓޯރެންޓްތަކުން މީރު ކެއުންތަކުގެ ރަހަ ބަލައި، ބެއިޖިންގެ މެހެމާންދާރީގެ އުފާ ލިބިވަޑައިގަތްކަން ސައީދު މި ފުރުސަތުގައި ފާހަގަކުރެއްވި އެވެ.
ބެއިޖިން ޑެއިލިއަށް މެސެޖެއް ދެއްވަމުން ވިދާޅުވީ ”އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ރާއްޖެ ވަޑައިގެން، ރާއްޖެއާ ބެހޭ ގޮތުން ވާހަކަތައް ދެއްކެވުމަށް. ރާއްޖެއަށް އިތުރު އެއްބާރުލުމާއި ތަރައްގީ ބޭނުންވާއިރު، އުއްމީދަކީ ޗައިނާގެ އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ޗައިނާގެ އިތުރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން“ ކަމަށެވެ.
ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް