ހިޔާ ފްލެޓްގެ ކޮރިޑޯއެއްގެ ތެރޭގައި ކުއްޖަކަށް އަނިޔާކުރާ ވިޑިއޯއެއް އާންމުވުމާއި ގުޅިގެން ފުލުހުންގެ ހިދުމަތުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިޔާ ފްލެޓްގެ ކޮރިޑޯގައި ކުއްޖަކަށް އަނިޔާކުރާ ވިޑިއޯއެއް ޖޫން މަހުގެ 19 ވަނަ ދުވަހު އެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުޤީޤްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު ފަރާތް ދަނެގަނެވިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންގެ ހިދުމަތުން ބުނީ ވިޑިއޯގެ މައްސަލަ ތަހުޤީޤްކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދަނެގަނެވިފައިނުވާ ކަމަށެވެ. އަދި ވިޑިއޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެކަން ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވިޑިއޯ އިން ފެންނަ ގޮތުގައި ހިޔާ ފްލެޓްގެ ކޮރިޑޯގެ ލިފްޓްތައް ހުންނަ ސަރަހައްދަށް ކުއްޖަކު ވައްޓާލާ، އެ ކުއްޖާގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ފެނެ އެވެ. އަދި އެ ސަރަހައްދުގައި ތަންކޮޅެއް އުމުރުން ދޮށީ މީހަކުވެސް ދެކޮޅަށް ހިނގާލަ ހިނގާލާ، ހިތްވަރުދޭން ހުންނަ މަންޒަރު ފެނެ އެވެ.