މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު އަންނަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ބަދަލު ކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ވަނީ ކަރުދާހެއް ހުށަހަޅާފަ އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެ ކަރުދާހުގައި މަސްގަންނަ އަގަށް ޖުލައި 24 ވަނަ ދުވަހު ބަދަލު ގެންނަ ވާހަކަ ބުނެފައިވާ ކަމަށެވެ. ނަމަވެސް އަގަށް ގެންނަ ބަދަލު އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވަނީ މަސްވެރިންގެ މައްސަލައަކީ ކުއްލި މައްސަލައެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި މިއީ ދާއިމީ މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.
މަސްވެރިންނަށް މިހާރު ފައިސާ ދޭން ޖެހެނީ ދައުލަތުން ސަބްސިޑީ ދީގެން ކަމަށާއި މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިއީ އިގްތިސޯދީގޮތުން އިންސާފުވެރި ގޮތެއްވެސް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަސްވެރިންނަށް ވަގުތުން ފައިދާ ދެވޭނީ ދެކޮޅު ޖެހޭ އަގެއްގައި މިފްކޯއަށް މަސް ކިރައިގެން ކަމަށާއި ސަބްސިޑީ ދީގެން މަސް ގަންނަ ނަމަ ފައިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
12 ރުފިޔާއަށް ވިޔަސް 15 ރުފިޔާއަށް ވިޔަސް ދެވެން އޮތް އަގެއްގައި ދެކޮޅު ޖެހޭ އަގެއްގައި މިކަން ކުރީމާ މަސްވެރިންނަށް ލާރިކޮޅު ބަރާބަރަށްވެސް ދެވޭނެ.
މިފަދަ ކޮންމެ ގައުމީ މައްސަލައަކުން ސިޔާސީ ފައިދާއެއް ހޯދުން ހުއްޓާލަން ވެއްޖެކަމަށާއި އޭގެ ފައިދާއެއް މިހާރަކުވެސް އަދި ފަހަކުންވެސް ނުކުރާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު