ޖިނާއީ ކުށްތައް ހިންގާ ގޭންގުތަކާ ގުޅުން ހުރި 400 އެއްހާ 18 އަހަރުން ދަށުގެ ކުޑަކުދިން އެބަތިބި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައިފި އެވެ.
މިނިސްޓަރު އިހުސާން މިކަން ހާމަކުރެއްވީ އިއްޔެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ގައުމ،ީ ސަލާމަތާއި ބެހޭ 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.
މިފަދަ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުމުގެ ޕްލޭންތައް ސަރުކާރުން ކުރިން އިއުލާންކޮށްފައިވާއިރު، އެ ތަނަށް ހޯމްލޭންޑް މިނިސްްޓްރީން ”ހޯޕް އައިލެންޑް“ ގެ ނަން ދީފައި ވެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ހޯމް މިނިސްޓްރީން އެންމެ ފަހުން ކުރި އެސެސްމަންޓުން ދައްކާ ގޮތުގައި މުޅި ރާއްޖޭގައި ގޭންގްތަކާއި ގުޅުން ބާއްވާ 400 އެއްހާ ކުޑަކުދިން އެބަ ތިއްބެވެ. އަދި އެކުދިންނަށް ވީ އެންމެ އަވަހަށް ރިހެބިލިޓޭޝަން ބޭނުންވާ ކަމަށް މިނިސްޓަރު ހިޔާލު ދެއްވާފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޭންގް ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން މުހިންމެވެ. އެއާއެކު، ގޭންގްތަކަށް ފައިސާ ވަންނަ ޒަރީޔާތައް ހުއްޓުވައި، ގޭންގްތަކަށް ކުޑަކުދިން ރެކްރޫ ކުރުން ހުއްޓުވުން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެއާއެކު، މިނިސްޓަރު ވަނީ މީގެ ކުރިން ހިންގި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ މުއްދަތު ކުރުވުމުގެ ސަބަބުން އެ ޕްރޮގްރާމްތައް ފުރިހަމަ ކޮށްގެން މުޖުތަމައުއަށް ނިކުންނަ ކުދިންނާއި ޒުވާނުން އަލުން ކުށުގެ ވެށްޓަށް ރުޖޫއަވާ ކަންވެސް ފާހަގަކުރައްވާފަ އެވެ. ކަންމިހެން އޮތުމާއެކު، ހޯޕް އައިލެންޑަށް ގެންދާ ކުދިން 18 އަހަރު ވަންދެން އެތަނުގައި ބައިތިއްބަން މިނިސްޓްރީން ރާވަމުންދާ ކަން އިހުސާން ހާމަކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި އެކުދިންނަށް ހާއްސަ ޕްރޮގްރާމްތައް ރާވާފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.
އިހުސާން ވިދާޅުވީ ”ހޯޕް އައިލެންޑް“ ބަންދުކުރާނީ، ޒުވާނުން ކުށްކުރުމުގެ މުހިންމު އަސްލު ސަބަބުތައް ހައްލުކުރުމަށް ސަރުކާރަށް ކާމިޔާބުވުމުން ކަމަށެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ބޯހިޔާވަހިކަން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ “ހޯޕް އައިލެންޑް” ގައި ރަސްމީ ސިލަބަހުން ބޭރުގެ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށާއި އޭގެ ތެރޭގައި ދީނީ ތައުލީމާއި ކުޅިވަރާއި ނަފްސާނީ ދުޅަހެޔޮކަން ހިމެނޭ ކަމަށެވެ.
ޖިނާއީ ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުމަށް ވެސް ސަރުކާރުން ވަނީ ޕްލޭންތަކެއް އިއުލާންކޮށްފަ އެވެ.
241 ކޮމެޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް