ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރަކަށް ވުރެ ދައުރެއްގައި ގިނަވަމުން އަންނާތީ މިކަމާމެދު މަޖިލިސް މެންބަރު ދެކޭ ގޮތް ބެލުމަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.
މި ގަރާރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރުން ފަށައިގެން ކޮންމެ ދައުރަކަށްވެސް މެންބަރުން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން 17 ވަނަ ދައުރުގައި ތިއްބެވީ 77 މެންބަރުން ކަމަށާއި 18 ވަނަ މަޖިލީހަށް 85 މެންބަރުން އިންތިހާބު ކުރަން ޖެހުނުކަމަށް ބުނެފައިވެ އެވެ. އަދި 19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރި އިރު 20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިހާބު ކުރިކަން ފާހަގަކޮށްފައިވެ އެވެ.
ޝުޖާއުގެ ގަރާރުގައި ވަނީ 17 ވަނަ މަޖިލީހުން ފެށިގެން މިހާތަނަށް ޖުމުލަ 16 މެންބަރުން އިތުރުވެފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި މެންބަރުން އިތުރު ކުރަން ޖެހެނީ ރާއްޖޭގެ އާބަދީ އިތުރުވަމުންދާ ވަރަކަށް މަޖިލިސް މެންބަރުން އިތުރު ކުރާ ގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީކަން ފާހަގަ ކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށް ގާނޫނުއަސާސީގެ 71 އަދި 72 ވަނަ މާއްދާއަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އިސްލާހުވުމާއެކު ގާނޫނަށްވެސް ބަދަލު ގެންނަން ޖެހޭކަމަށް ޝުޖާއު ފާހަގަ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދު ކުރުމަށް ނުވަތަ ވަކި އަދަދެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް މަޖިލިސް އިންތިހާބުގެ ތެރޭގައި ޕީއެންސީގެ ގިނަ ކެންޑިޑޭޓުން ވަނީ ވިދާޅުވެފަ އެވެ.