މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއެކު މައްކާއަށް ދިޔަ އެންމެން ވެކްސިން ފުރިހަމަކުރި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ މާތް އަޅުކަން އަދާ ކުރަން ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިންވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިނާއި އެއްގޮތަށް، ފުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ކަމުގައިވާ، ޕޯލިއޯ، މެނިންގޖައިޓިސް އަދި އިންފްލުއެންޒާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
”ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖްމެންޓުން އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަންތައް ކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ،“. އެ ބަޔާނުގައި ވެއެވެ.
ހައްޖު ކޯޕަރޭޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކރުމަށްފަހު ރާއްޖެ އައިތާ ދެ ދުވަސް ފަހުން ދިވެއްސަކު ނިޔާވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހައްޖުވެރިޔާ ނިޔާވެފައިވަނީ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިއެއް ކަމަށްވާ މެނިންޖައިޓިސް ޖެހިގެން ނެވެ.