ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ނިޔާވެއްޖެ އެވެ.
ބަކާ ނިޔާވެފައި ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ރާއްޖެއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވެ އެވެ. ޖަވިޔަންޏަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޖުން އައިފަހުން ބަކާ ވަނީ ވަރަށް ބޮޑަށް ބަލިވެފަ އެވެ. އަދި ނިޔާވެފައިވަނީ އޭނާގެ ހާލު ވަރަށް ބޮޑަށް ދެރަވެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ބަކާ ނިޔާވެފައިވަނީ އުމުރުން 38 އަހަރުގަ އެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގައި މުހިންމު ރޯލެއް އަދާކުރި މިޑްފީލްޑަރެކެވެ. އެގޮތުން ގައުމީ ޓީމުން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރި ޓީމުގައި ބަކާ ހިމެނެ އެވެ. އަދި 2008 ވަނަ އަހަރުގެ މުބާރާތުގައި ބަކާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ބަކާގެ ފުޓުބޯޅަ ކެރިއަރު ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ 19 އަހަރުގައި 2004 ވަނަ އަހަރު އެވެ. އޭގެ އެއް އަހަރު ފަހުން 2005 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި ބަކާ ވަނީ ހިމަނާފަ އެވެ.
ކްލަބު ފުޓުބޯޅައިގާވެސް ބަކާއަކީ މަޝްހޫރު ކުޅުންތެރިއެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ބޮޑެތި ގިނަ ކްލަބުތަކަކަށް ބަކާ ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް ކްލަބު ހިމެނެ އެވެ. ބަކާ ވަނީ ރާއްޖޭން ބޭރުގެ ކްލަބަކަށްވެސް މީގެ ކުރިން ކުޅެފަ އެވެ.
އަނިޔާގެ ސަބަބުން ބަކާ މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިނުވާއިރު އެންމެ ފަހުން ފުރަތަމަ ޑިވިޝަނުން ބަކާ ފެނިގެން ދިޔައީ ޔުނައިޓެޑް ވިކްޓަރީންނެވެ.
— އިތުރު ތަފްސީލް އަންނަނީ —