ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެހެން ގައުމުތަކުން ކަންކުރާ ގޮތްވެސް ބަލަން ޖެހޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ޝިއުރީ މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެެއްގަ އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޝިއުރީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި މި ސިނާއަތުގައި ވާދަވެރި އެހެން ގައުމުތަކުގައި މިކަން ކުރާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން އެހެން ގައުމުތަކާއި ވާދަވެރި ރޫހެއް ގެންގުޅުއްވަން ޖެހޭކަމަށް ޝިއުރީ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެންމެ ވާދަވެރިވާނީ އަވަށްޓެރި ގައުމުތައް ކަމަށްވާ ސީޝެލްސްއާއި މޮރިޝަސް ކަމަށް ޝިއުރީ ވިދާޅުވި އެވެ.
”އަވަށްޓެރި ލަންކާއަށް ބެލި ކަމުގައިވިޔަސް (ފަތުރުވެރިކަން އިޝްތިހާރުކުރުމަށް) ވަރަށް ބައިވަރު ހަަރަދުކުރޭ. ސިންގަޕޯ ކަހަލަ ބޮޑެތި ގައުމުތައްވެސް….ދުބާއީއަށް ބަލާލިކަމުގައިވިޔަސް ޓޫރިޒަމަށް އެމީހުން ވަރަށް ބައިވަރު ހަރަދުކުރޭ“
މީގެ ކުރިން ފަތުރުވެރިކަން އެހާ ބޮޑަށް ފުޅާ ނޫން ގައުމެއް ކަމަށްވާ ސައުދީ އަރަބިއްޔާއިންވެސް މިހާރު މުޅިން ތަފާތު އީޖާދީ ކަންކަން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރަމުންދާ ކަމަށް ޝިއުރީ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ތަރި ލިޔޮނަލް މެސީ، ސައުދީގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހެދުން ޝިއުރީގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެހާވަރަށް ހަރަދުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސައުދީގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ޝިއުރީ ފާހަގަކުރެއްވި އެވެ.
ޝިއުރީ ވިދާޅުވި ގޮތުގައި ރާއްޖެއަކީ މި ސިނާއަތުގައި ލަގްޒަރީ ޓޫރިޒަމްގެ އެންމެ ނަގާކިޔާލެވޭ ތަޖުރިބާކާރެކެވެ. އެހެންކަމުން ރާއްޖެއިން ބަލަހައްޓައިގެން ނުތިބެ އެހެން ގައުމުތަކަށްވުރެ އައު އަދި ތަފާތުް ކަންކަން ހޯދުމަށް ޝިއުރީ ހިޔާލު ދެއްވި އެވެ. މި ސިނާއަތުގެ އެންމެހާ ފަރާތްތައް އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްފިއްޔާ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އަމާޒު ހާސިލުވެގެންދާނެ ކަމަށް ޝިއުރީ ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރު ރާއްޖެއަށް 5 މިލިއަން ޓޫރިސްޓުން ގެނައުން. އެއީ މި ސަރުކާރުގެވެސް އުންމީދެއް. މިނިސްްޓަރު ފާހަގަކުރެއްވި ގޮތަށް ޓޫރިޒަމް މިނިސްޓްރީއާއި އެސްއޯއީތަކާއި ޖުމްލަ ގޮތަކަށް ބުނާނަމަ ހުރިހާ ރައްޔިތުންގެވެސް ސަޕޯޓާއި އެއްކޮށް މިކަން ހާސިލުކުރެވޭނެ“ ޝިއުރީ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް