ބަންގްލަދޭޝްގެ ލޭބަރުންގެ ލިމިޓް އުވާލަންޖެހޭނީ އިތުރު ފިޔަވަޅުތަކާއި އެކީގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ރާއްޖެއަށް ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނުން މިހާރު ކަނޑައަޅާފައި އޮތް ލިމިޓު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މިހާރު ޤާނޫނުގައިވާގޮތުން ޤައުމަކުން އެންމެ ގިނަ އަދަދަކަށް ގެނެވޭނީ އެއް ލައްކަ މަސައްކަތު މީހުންނެވެ.
ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ވަކި މިންވަރެއް ކަނޑައަޅާފައި އޮތް ސަބަބާއި އެއީ ވަކި ގައުމެއްގެ ބަޔަކަށް ތަފާތުކުރުން ނޫންތޯ ކޮމެޓީގެ މެމްބަރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮތް ލޭބަރުންގެ ޑިމާންޑާއި ކުރިއަށް އޮތް ތަނަށް އަންދާޒާކުރެވޭ ޑިމާންޑަށް ބަލާއިރުގައި، ބަންގްލަދޭޝްގެ 100،000 ލޭބަރުންގެ ލިމިޓަކީ އުވާލަން ޖެހޭ ނިންމުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”ނަމަވެސް އެ ލިމިޓު އުވާލަން ވާނީ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށާއި އެހެން ނޫން ނަމަ އެއީ ކުރަން ރަނގަޅު ކަމެއްނޫން“
ބަންގްލަދޭޝް ލޭބަރުންގެ ލިމިޓު އުވާލުން ބަރޯސާ ވަނީ ދެ ކަމަކަށްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެކަންކަން ނިންމަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހައި ކުޑަކުދިން އެބަތިބި ކަމަށާއި އެ ކުދިންނަށް މިހާރުން މިހާރަށް އަޅާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ ގާނޫނުތައް އިސްލާހުކޮށް، ފުލުހުންނަށް ބާރުވެރިކަން ދީގެން ކަމަށާއި ގޭންގުތައް ހުއްޓުވަން މައިގަނޑު ދެ ކަމެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، އެއް ކަމަކަށް ގޭންގުތަކަށް ފައިސާ ލިބޭނެ މަގުތައް ބަންދުކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި، ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ގޭންގުތަކަށް ރެކްރޫޓުކުރާ ކުދިން ހުއްޓުވުމެވެ.
241 ކޮމެޓީ ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް ބިދޭސީންގެ މައްސަލަ