ޕާޓީ ރޮނގުތައް ފަހަނަ އަޅާ، މަސްވެރިންގެ މައްސަލައިގާ ގައުމީ ހައްލެއް ހޯދަން ޖެހޭ: ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕާޓީ ކުލަތަކާއި ޕާޓީ ރޮނގުތައް ފަހަނަ އަޅާ މަސްވެރިންގެ މައްސަލައިގާ ގައުމަށް ފައިދާ ހުރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކަށް ގޮވާލާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ މަސްވެރިންގެ މައްސަލައަކީ ކުއްލި މައްސަލައެއްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި މިއީ ދާއިމީ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަށް އެންމެން ގުޅިގެން ގައުމަށް ފައިދާ ހުރި ހައްލެއް ހޯދުމަށް ނާޒިމް ވަނީ ގޮވާލައްވާފަ އެވެ.

ޕާޓީ ކުލަތަކާ ޕާޓީ ރޮނގުތައް ފަހަނައަޅާ އަޅުގަނޑުމެން އެބަ ޖެހޭ ހަގީގަތް ގަބޫލު ކުރާ ބަޔަކަށް ވާން. އެހެންވީމާ އަޅުގަނޑު އެމްޑީޕީއަށްވެސް، އެމްޑީޕީގެ މެންބަރުންނަށްވެސް މި އިލްތިމާސް ކުރަނީ، ހިނގާށޭ އަޅުގަނޑުމެން ޕާޓީގެ ރޮނގުތައް ފަހަނައަޅާ ގޮސް މިކަމުގައި ގައުމަށް ފައިދާ ހުރި ހައްލެއް ހޯދަމާ. އަޅުގަނޑުމެން ކުރަންވީ ކަމަކީ އެއީ.

މަސްވެރިންނަށް މިހާރު ފައިސާ ދޭން ޖެހެނީ ދައުލަތުން ސަބްސިޑީ ދީގެން ކަމަށާއި މިއީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިއީ އިގްތިސޯދީގޮތުން އިންސާފުވެރި ގޮތެއްވެސް ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސްވެރިންނަށް ވަގުތުން ފައިދާ ދެވޭނީ ދެކޮޅު ޖެހޭ އަގެއްގައި މިފްކޯއަށް މަސް ކިރައިގެން ކަމަށާއި ސަބްސިޑީ ދީގެން މަސް ގަންނަ ނަމަ ފައިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

12 ރުފިޔާއަށް ވިޔަސް 15 ރުފިޔާއަށް ވިޔަސް ދެވެން އޮތް އަގެއްގައި ދެކޮޅު ޖެހޭ އަގެއްގައި މިކަން ކުރީމާ މަސްވެރިންނަށް ލާރިކޮޅު ބަރާބަރަށްވެސް ދެވޭނެ.

މިފަދަ ކޮންމެ ގައުމީ މައްސަލައަކުން ސިޔާސީ ފައިދާއެއް ހޯދުން ހުއްޓާލަން ވެއްޖެކަމަށާއި އޭގެ ފައިދާއެއް މިހާރަކުވެސް އަދި ފަހަކުންވެސް ނުކުރާނެކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ