20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލުމުގެ ސުން ގަޑި މާދަމާއަށް ހަވާއިރު އަދި އިތުރު މުއްދަތު ބޭނުންވާކަމަށް އާންމު ކޮމިޓީން ބުނުމުން އިތުރު އެއް މަސް ދުވަސް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލާ މަޖިލީހުގެ ތަޅުމަށް މާދަމާ ހުށަހެޅުމަށް ފާސްކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި މަސައްކަތް ކުރުމަށް އަދި އިތުރު އެއް މަސް ދިނުމަށް އެދި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފަ އެވެ.
ވީމާ އާންމު ކޮމިޓީން އެދިވަޑައިގެންފާވާ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވާލާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމާ މެދު ވޯޓަށް އެހުން މިއަދުގެ ވޯޓު ގަޑީގައި އޮންނާނެ ވާހަކަ ދަންނަވަން.
މި މައްސަލައަށް ވޯޓަށް އެހުމުން އިތުރު އެއް މަސް ދިނުމަށް ފެންނަކަމަށް 83 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އިތުރު ވަގުތު ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެ އެވެ.
މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލުމަށް އިތުރު އެއް މަސް ދޭން މަޖިލީހުން ފާސްކުރުމާއެކު ހިންގާ ގަވައިދު އެކުލަވާލާ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އަންނަ މަހުގެ 26 ވަނަ ދުވަހާއި ހަމައަށް އާންމު ކޮމިޓީއަށް ވަގުތު ލިބޭނެ އެވެ.
20 ވަނަ މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލެވެންދެން 19 ވަނަ މަޖިލީހުން އަމަލު ކުރި ހިންގާ ގަވައިދަށް އަމަލު ކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ނިންމާފައިވަނީ 20 ވަނަ މަޖިލީހަށް އިންތިހާބުވި 93 މެންބަރުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގަ އެވެ.
މި ޖަލްސާގައި މިގޮތަށް ހުށަހަޅުއްވާފައިވަނީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ފަލާހު ހުށަހަޅުއްވާފައިވަނީ އާ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 19 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީ އާ ހަވާލު ކުރުމަށެވެ.
މީގެ އިތުރުން 20 ވަނަ މަޖިލީހުގެ ހިންގާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް މި މަހުގެ 26 ގެ ނިޔަލަށް އާންމު ކޮމިޓީން ނިންމާ މަޖިލީހުގެ ތަޅުމަށް ގެނައުމަށްވެސް ފަލާހުގެ ހުށަހެޅުމުގައި ވެ އެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު