ސިނަމާލެ ފްލެޓް އިމާރަތް މަތީގައި ހަރުކޮށްފައި ހުރި އާތު ދަގަނޑުތައްވެސް ވަގަށް ގެންގޮސްފި އެވެ.
މޭލެ ސިޓީ ކައުންސިލުން ބުނީ ސިނަމާލެ 3 ގެ ޓެރަސް މަތީގައި ހަރުކޮށްފައި ހުރި އާތު ދަނގަޑުތައް ވަނީ ވަގަށް ގެންގޮސްފައިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ސިނަމާލެ ފްލެޓްތައް މަރާމަތުކޮށް ބަލަހައްޓަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ކައުންސިލުން ބުނީ އެކަން ކޮށްފައިވަނީ ސިނަމާލެ 2 ގައި ދިރިއުޅޭ 3 ފިރިހެނުން ކަމަށެވެ. އެއީ 35 އަހަރުގެ ދެ މީހުންނާއި 42 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
މި އެންމެންވެސް މިހާރު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އަދި ކައުންސިލުން ވަނީ އިމާރާތުގެ މައްޗަށް ނޭރޭނެގޮތަށް ދޮރުތަކުގައި ބޮޑު ތަޅުވެސް އަޅުވާފަ އެވެ.
މި ފަހަކަށް އައިސް މާލެގެ އެކި ސަރަހައްދުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިސްކިތްތަކުންނާއި އެހެނިހެންވެސް އިމާރަތްތަކުން ވައްކަން ކުރުމުގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުޤީޤް ކުރަމުންނެވެ.