މާލެ ސިޓީ ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ސަލާހުއްދީން ޕާކިން އޭރިއާ ބިމުގައި އައުޓްޑޯ ޖިމެއް ހުޅުވައިފި އެވެ.
އިއްޔެ މި ޖިމް ހުޅުވާދެއްވާފައިވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްއާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވަނީ ބަލިތަކުން ސަލާމްތްތެރިވާން އެދޭ މުޖުތަމައުއަކަށް ހެލިފެލިވެ އުޅުން މުހިންމު ކަން ފާހަގަކުރައްވާފަ އެވެ. އަދި ޖިމްތަކުގެ ބޭނުން ހިފުމަކީ ތިމާއާއި ސަރުކާރުގެ ޖީބަށް ލުއިފަސޭހަކުރުމަށް ވެވޭ އިންވެސްޓެމެންޓެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރައްވާފައި ވެއެވެ.
މާލޭގެ މޭޔަރު ވަނީ މިއަދު މާލޭ ސިޓީ ކައުންސިލަށް ހުށަހަޅުއްވައިގެން ރިކްރިއޭޝަނަލް އެކްޓިވިޓީއަށް ހާއްސަ ބިމެއް ހޯއްދެވުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.
”ހެންވޭރުކޮޅުގެ ރައްޔިތުން އެދޭ އަސްލު މިކަހަލަ ތަނެއް (އައުޓްޑޯ ޖިމެއް) ހުރުމަށް. ވަރަށް ގިނައިން އަޅުގަނޑުމެންނަށް އަންނަ ރިކުއެސްޓެއް، ތިމަންނާމެންނަށް ކަސްރަތު ކޮށްލާނެ މިކަހަލަ ތަނެއް ނެތޭ“
ޖިމް ހުޅުވާދިނުމުގެ ރަސްމިއްޔާތުގައި މޭޔަރު ވަނީ ހެންވޭރުކޮޅުން ދަރުބާރުގެ ބިއްދޮށުން ރިކްރިއޭޝަނަލް ކަންކަމަށް ހާއްސަ ތަނެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފަ އެވެ. މީގެ ކުރިންވެސް ސަލާހުއްދީން ޕާކިން އޭރިއާގައި ޖިމެއް ހުއްޓެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ހިންގި އެތަނުގެ އައުޓްޑޯ ޖިމް ހަލާކުވުމާއި ގުޅިގެން އެތަނުގެ އިކުއިޕްމެންޓްތައް މިހާރު ވަނީ އާ ކޮށްފަ އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު