އެމެރިކާއާއި ރާއްޖޭގެ ރަހުމަތްތެރިކަން ވަރުގަދަކުރަން އުންމީދުކުރައްވާ ކަމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިގޮތަށް ވިދާޅުވީ އިއްޔެ އެމެރިކާއަށް ވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް އިންތިޒާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި އެއްބާރުލެއްވުން އިތުރަށް ވަރުގަދަކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ހާރިޖީ ވަޒީރު މޫސާ ޒަމީރު މި ޖޫން މަހުގެ 24 އިން 27 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތީ އާދީއްތަ ދުވަހުގަ އެވެ.
ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ.
މިދަތުރުފުޅުގައި ހާރިޖީ ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީ. އަށެވެ. ވޮޝިންގްޓަން ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ. ބްލިންކަން އާއި ޔުނައިޓަޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ކައުންސިލް އޮފް ފޮރިން ރިލޭޝަންސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓައެކްޓިވް ޑިސްކަޝަންއެއްގައި ބައިވެރިވުމުގެ އިތުރުން، ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ހާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
ވޮޝިންގްޓަން އަށް ކުރައްވާ ދަތުރުފުޅަށްފަހު، އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ހާރިޖީ ވަޒީރު ނިއު ޔޯކް އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނިއު ޔޯކްއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑާ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިބައްދަލުވުންތަކުގެ އިތުރުން، ނިއުޔޯކްގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ހާރިޖީ ވަޒީރު ބައްދަލުކުރައްވާނެ އެވެ.
މި ދަތުރުފުޅުގެ ކުރިން މިނިސްޓަރު ޒަމީރު ”ޖަވިޔަނި“ އަށް މައުލޫމާތު ދެއްވިގޮތުގައި އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ސަބަބުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މަޖިލީހަށް ރާއްޖެއާއި ދެކޮޅަށް ހުށަހަޅުއްވަން އުޅުއްވި ބިލާއި ގުޅޭ މައުލޫމާތު ހޯއްދެވުމަށް އެމެރިކާ އެމްބަސީއާއި ފޮރިން މިނިސްޓްރީން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް މިހާރު ކުރައްވާ ދަތުރުފުޅުގައި އެކަމުގެ މަޝްވަރާއެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ނުވެ އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޖޮސް ގޮތްހެއިމާ ވަނީ ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރާހާ ހިނދަކު ރާއްޖެއަށް އެމެރިކާއިން ދޭ އެހީ ހުއްޓާލަން ބިލެއް ހުށަހަޅުއްވާނެ ކަމަށް އޭނާގެ އެކްސްގައި ކަށަވަރުކޮށްދެއްވާފަ އެވެ.