ހާރިޖީ ވަޒީރު މޫސާ ޒަމީރު މި ޖޫން މަހުގެ 24 އިން 27 އަށް އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅުގެ ތެރޭގައި އެމެރިކާ ސަރުކާރާއި އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށްދިނުމެވެ.
މިދަތުރުފުޅުގައި ހާރިޖީ ވަޒީރު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީ.ސީ. އަށެވެ. ވޮޝިންގްޓަން ގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ޖޭ. ބްލިންކަން އާއި ޔުނައިޓަޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާގެ އިތުރުން އެމެރިކާ ސަރުކާރުގެ އެހެނިހެން އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ކައުންސިލް އޮފް ފޮރިން ރިލޭޝަންސް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓައެކްޓިވް ޑިސްކަޝަންއެއްގައި ބައިވެރިވުމުގެ އިތުރުން، ވޮޝިންގްޓަންގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ހާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
ވޮޝިންގްޓަން އަށް ކުރައްވާ ދަތުރުފުޅަށްފަހު، އ.ދ. ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށްޓަކައި ހާރިޖީ ވަޒީރު ނިއު ޔޯކް އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ނިއު ޔޯކްއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އާއި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑާ ސެކްރެޓަރީ ޖެނެރަލް ލީ ޖުންހުއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިބައްދަލުވުންތަކުގެ އިތުރުން، ނިއުޔޯކްގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ހާރިޖީ ވަޒީރު ބައްދަލުކުރައްވާނެ އެވެ.
ރާއްޖެ - އެމެރިކާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު