މިސަރުކާރުގެ އިގްތިސޯދީ މެނިފެސްޓޯގައި ހިމެނުނު އެންމެ މުހިންމު އެއް ވައުދުކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލުމުގެ ވައުދު ވެގެން ދިޔައީ ވަރަށް އުނދަގޫވި ކަމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ވެގެން ދިޔައީ ވަރަށް އުނދަގޫވި ނިންމުމަކަށް ކަމަށެވެ. ނަމަވެސް މިހާރު އެ ނިންމުމަށް އެންމެންވެސް ތައުރީފް ކުރަމުންދާކަން ރައީސް މުއިއްޒު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިއީ ވަރަށް ވަރަށް ވަރަށް އުނދަގޫ ކަމެއް. ފައިސާ ޗާޕު ކުރުން ހުއްޓާލި ހުއްޓާލުން އެއީ، އަޅުގަނޑާ ގައިމުވެސް ބައްދަލު ކުރެއްވި މިތަނަށް (ރާއްޖެއަށް) އައި އައިއެމްއެފްގެ ވެރިނ،ް ވޯލްޑް ބޭންކްގެ ވެރިން، މިފަދަ ބޭފުޅުން، އަދި އަޅުގަނޑު ދިޔަ އެކި އެކި ބައްދަލުވުންތަކުގަ، ބޭރުގެ ބައެއް ގައުމުތަކުގަ އޮތް ކޮންފަރެންސްތަކުގަވެސް ބައްދަލު ކުރެއްވި، އައިއެމްއެފްގެ ސެކްރެޓަރީ ޖެނެރަލްވެސް ބައްދަލު ކުރެއްވި، މި ބޭފުޅުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުގަ އަޅުގަނޑުމެން އެ ނިންމި ނިންމުން (ފައިސާ ޗާޕު ކުރުން ހުއްޓާލާ)، އިގްތިސޯދު ހަމަމަގަށް އެޅުވުމަށް އެ ނިންމި ނިންމުން ވަރަށް ބޮޑަށް ފާހަގަކުރެއްވި.
ރައީސް މުއިއްޒު ވަނީ މިއީ ރާއްޖެއަށް ވަރަށް މުހިންމުވި ނިންމުމެއް ކަމަށާއި މިކަމުގެ ފައިދާ މިހާރު ފެންނަން ފަށާފައިވާކަމަށް ވިދާޅުވެފަ އެވެ. ރައީސް މުއިއްޒުގެ އިތުރުން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމުވެސް ވަނީ މިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރި ކުރުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޕީއެންސީގެ މައި ޖަގަހަ މިރޭ ހުޅުވާފައިވަނީ މީގެ ކުރިން އެމްޑީޕީ އަދި ޑިމޮކްރެޓްސް ޖަގަހަ ހިންގި ހ. ވެޔޮވިލާގަ އެވެ.