އައްޑޫ ތަރައްގީއަށް މި ސަރުކާރުން އެޅުމަށް ނިންމާފައިވާ އައްޑޫ ބްރިޖުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށާއި އައްޑޫގައި ތަރައްގީ ކުރާ ޝަންގްރިލާ ރިސޯޓު މާގިނަ ދުވަހެއް ނުވެ ހުޅުވިގެންދާތަން ފެންނާނެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ޕީއެންސީގެ މައި ޖަގަހަކަމަށްވާ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫ ބްރިޖުގެ ސާވޭ މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ބްރިޖުގެ އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ފައިނޭންސްގެ ކަންކަން ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަޝްރޫއަށް ސަރުކާރުން އިސްކަމެއް ދޭކަން ހާމަވަނީ ކޮންމެ ދުވަހަކުވެސް މި މަޝްރޫގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ބައްލަވާތީކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ނިމިދިޔަ ސަރުކާރުގައި ހުއްޓާލާފައިވާ ޝަންގްރިލާ ރިސޯޓު ހުޅުވުމަށްވެސް މި ސަރުކާރު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ މަޝްވަރާތައްކަމަށް ޝާހިދު ވިދާޅުވި އެވެ. މާގިނަ ދުވަހެއް ނުވެ ފެނިގެން ދާނީ ޝަންގްރިލާ ހުޅުވާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުގައި ކޮވިޑުގެ ތެރެއިން ބަންދުވެގެން ދިޔަ ޝަންގްރިލާގެ އުންމީދަކީ އައްޑޫ ވަރަށް ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް. މިއަދުގެ ސަރުކާރުން މިދަނީ ޝަންގްރިލާއާ އެކު އެންމެ ފަހުގެ މަޝްވަރާތައް ކުރެވެމުން.
ޝަންގްރިލާގެ އިތުރުން އައްސޭރި ޓޫރިޒަމްއާއި ހަންކެޑެ މަޝްރޫގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.