މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައިގެން ހައްޔަރުކުރި ދެވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މި ހާދިސާ ހިނގި ދުވަހު ފުލުހުން ބުނީ ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފަތިހު 4:07 ހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އަދި އެސަރަހައްދަށް ފުލުހުން ދިޔުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައިގެން ފިލަން މަސައްކަތް ކުރި ކަމަށެވެ.
މި ހާދިސާގައި ކުށްވެރިވާ އެކަކު ވަނީ ހަމަ އެދުވަހު ހައްޔަރުކޮށްފަ އެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން މި މައްސަލައިގައި ކުށްވެރިވާ ދެވަނަ މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ.
ކާރުގައި އެ މީހާ ފިލަން މަސައްކަތް ކުރުމުން އެ ކާރު ހުއްޓުވަން ފުލުހުން މަސައްކަތް ކުރިކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ކާރު ހުއްޓުވަން އުޅުމުގެ ތެރޭގައި ކާރުން ފުލުހެއްގެ ގައިގާ ޖެއްސުމަށް ފަހު ކާރުގައި ތިބި ދެ މީހުން ފިލާފައިވާކަމަށްވެސް ބުނެފައިވެ އެވެ.
މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.