ފާއިތުވީ 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވާރޭ ވެހުނީ ކ. ގާފަރަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އާންމުކުރި މައުލޫމާތުން ދައްކައިފި އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 ގެ ނިޔަލަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކ. ގާފަރަށެވެ.
ގާފަރަށް ވަނީ 38.4 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ބ. ގޮއިދޫއަށެވެ. ބ. ގޮއިދޫއަށް 33.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު އއ. ތޮއްޑޫއަށް ވަނީ 31 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
ބޯކޮށް ވާރޭ ވެހުނު އިތުރު ރަށްތައް:
- ހުޅުމާލެ – 23.2 މިލިމީޓަރުގެ ވާރޭ
- ހުޅުލެ – 22.3 މިލިމީޓަރުގެ ވާރޭ
- ހދ. ކުޅުދުއްފުށި – 21.1 މިލިމީޓަރުގެ ވާރޭ
- ހދ. ހަނިމާދޫ – 20.2 މިލިމީޓަރުގެ ވާރޭ
- ހއ. ކެލާ – 19.0 މިލިމީޓަރުގެ ވާރޭ
މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކުރާގޮތުންނަމަ މިއަދު މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އެކިހިސާބަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ކަމަށް މެޓް އިން ލަފާކޮށްފައި ވެއެވެ.
ދެކުނާއި ހުޅަނގުދެކުނުން ދެކުނުގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
”ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ“
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވެފައި ދެކުނުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެތް އޮފީހުން ބުންޏެވެ. ރާޅުގެ އުސްމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިން އުޅޭނީ 2-4 ފޫޓް ގައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 4-7 ފޫޓާއި ދެމެދުގައި ރާޅު ނަގާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.