ސޯޝަލް ކައުންސިލުން ހޯޕް އައިލެންޑްގެ ކޮންސެޕްޓް އެޕްރޫވްކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ކުށުގެ މާހައުލަށް ހުށައެޅޭ ކުދިން ރިހެބިލިޓޭޓްކުރުމަށް ހަދާ ”ހޯޕް އައިލެންޑް“ގެ މަސައްކަތް ފެށީ މެއި މަހުގެ ތެރޭގަ އެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސޯޝަލް ކައުންސިލުން ހޯޕް އައިލެންޑްގެ ކޮންސެޕްޓް އެޕްރޫވްކޮށްފައިވާ ކަމަށާއި ދެން އެންމެ އަވަހަށް ބާއްވާ ވަޒީރުންގެ މަޖިލީހަށް އެ ކޮންސެޕްޓް ހުށަހެޅުމަށް މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ.
”އެރަށުގައި ޑިސްފަކްޝަނަލް އާއިލާތަކުގެ ކުދިންނަށް ފަރުވާ ދެވިގެންދާނެ ކަމަށާއި، ތިން އަހަރެއްހާ ދުވަސް ތެރޭގައި އެރަށުގެ ހުރިހާ މަސައްކަތްތައް ނިމި އެއްކޮށް އޮޕަރޭޝަނަށް އެރަށް ގެނެވޭނެ.“
މިނިސްޓަރު ވިދާޅުވީ މީގެ ކުރިންވެސް ފުލުހުންގެ ޓްރެއިނިން ފެސިލިޓީތަކުގައި މީގެ ޕްރޮގްރާމްތައް ޕައިލެޓް ކުރާ ކަމަށެވެ.
ހޯޕް އައިލެންޑަށް ގެންދާ ކުދިންނަށް ރަނގަޅު ވަޒީފާތަކާއި ފައިނޭންޝަލް ސިސްޓަމްގައި ކުދިންނަށް ލިބެންޖެހޭ ފަރުވާ ދިނުމުން މިކަމުގަ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ، ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ހިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދެވޭނެކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވަޒީރު ވަނީ ޖިނާއީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާންޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޖިނާއީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ އުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރަންޖެހޭ ކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވެފައި ވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، 12 އަހަރުގެ ކުޑަކުދިންވެސް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަންނަމުން އަންނަ ކަމަށާއި، ކުށުގެ މާހައުލުން އެކުދިން ދުރުކުރެވޭނީ އެކުދިންނަށްވެސް ގާނޫނީ ގޮތުން ފިޔަވަޅު އެޅިގެން ކަމަށެވެ. މިގޮތުން ޖިނާއީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މިހާރު ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރިހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދެވޭނެކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވި އެވެ.
ކުށަށް އަރައިގަންނަ ކުޑަކުދިން ކުށުގެ މާހައުލުން ދުރުކޮށް އެކުދިން ރަނގަޅު މަގަށް ގެނައުމަށް ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމްކުރުމަށް ނިންމާފައިވާކަން ދާހިލީ ވަޒީރު އިހުސާން ހާމަކުރައްވާފައިވަނީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ. އޭރު ވަޒީރު ވިދާޅުވެފައިވަނީ ރިހެބިލިޓޭޝަން ފެސިލިޓީ އެޅުމަށް ވަކިން ރަށެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެމްއެންޑީއެފް ދިވެހި ފުލުހުންގެ ޚިދުމަތް ާހޯޕް އައިލެންޑް