ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރާވަޑައިގަންނަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ސިޑްސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ އިތުރުން ސިޑްސްއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް އާއި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، އަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.
ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ކުރިއަށްދަނީ މި ހިނގާ މޭ މަހުގެ 27 އިން 30 ގެ ނިޔަލަށް އެންޓިގުއާ ބާބުޑާ ގައެވެ. ސިޑްސް ގެ މި އަހަރުގެ ޝިއާރަކީ ”ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ“ އެވެ. މި ޝިއާރާ އޮއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި، ވިލުންތެރިކަން ހާސިލްކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫ.އެންއިން ކުރިއަށްގެންދާ ސިޑްސްގައި މިއަހަރު ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ގައުމީ ތަގުރީރު އިއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުންވެސް ރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އަދި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދެއްވުމަށް އެދޭކަންކަމަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވެމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ޠާރިޤު އިބްރާހީމް، ވަނީ މި ކޮންފަރެންސްގެ މުހިންމުކަމާއި، މި ކޮންފަރެންސްއިން ދިވެހި ރައްޔިތުންނަށްޓަކައި، އަދި ގައުމަށްޓަކައި ސަރުކާރުން ހާސިލުކުރުމަށް ބޭނުންވާ މުހިންމު ކަންކަން ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުންވެސް މި ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ 3 ހަވާސާ ހަރަކާތުގެ މައުލޫމާތާއި، އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ސިޑްސްގައި މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަކުރައްވާފައި ވެއެވެ.