ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް އިންޓާނަލް އޮޑިޓް ހަރުދަނާ ކުރުން ވަރަށް މުހިންމު ކަމަށް ސިޓީތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންޓާނަލް އޮޑިޓް ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ، މުވައްސަސާއެއް ރަނގަޅަށް ހިނގަމުންދާއިރު އެންމެ ބޭނުންވާނެ ނިޒާމަކީ އިންޓާނަލް އޮޑިޓް ރަނގަޅުވުން ކަމަށެވެ. އަދި ކައުންސިލުތަކުން ދޭ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޓާނަލް އޮޑިޓްގެ އެންމެ ބޮޑު ބޭނުމަކީ، ކުރިއަށް ފިޔަވަޅެއް އަޅަމުންދާއިރު ހެދިދާނެ ގޯހަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިކުރުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީރު ޝަރީފް ވިދާޅުވީ، ކައުންސިލްތަކުން ކުރާ މަސައްކަތްތަކަކީ ހަގީގީ މާނާގައި ކޮރަޕްޝަނާއި ދުރުހެލި، ނަޒާހާތްތެރި، ރައްޔިތުންގެ އިތުބާރު އެންމެ ފުރިހަމައަށް ލިބޭ މަސައްކަތްތަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި އެއީ މިއަދު ލާމަރުކަޒީ ނިޒާމަށް އެންމެ ބޭނުންވާ ކަންތައް ކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
”ލާމަރުކަޒީ ނިޒާމަށް މިއަދު އެންމެ ބޭނުންވާ އެއްކަމަކީ، ރައްޔިތުންގެ އިތުބާރު މި ނިޒާމަށް ހޯދާދިނުން. އެހެންކަމުން ރައްޔިތުންގެ އިތުބާރު މި ނިޒާމަށް ހޯދައިދިނުމަށް އިންޓަރނަލް އޮޑިޓް ހަރުދަނާކުރުން ވަރަށް މުހިންމުވެގެން އެބަދޭ.“
ޝަރީފްގެ ވާހަކަގައި ލާމާރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުން، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މާލިއްޔަތު ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، ކައުންސިލްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
”މާލިއްޔަތުގެ ޤަވާއިދުގައި ހުރި ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކައުންސިލްތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެވިއްޖެނަމަ، ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ. އޭގެ ސަބަބުން ނިޒާމުގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ.“
މިއަދު ފެށި ލޯކަލް ކައުންސިލް އިންޓާނަލް އޮޑިޓް ކޮންފަރެންސް އަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓާނަލް އޮޑިޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އައިއޭއޭ) އިން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި، ރާއްޖޭގެ އޮޑިޓް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތަޖުރިބާތައް ހިއްސާކޮށް، ކައުންސިލްތަކުގެ އިންޓާނަލް އޮޑިޓްތައް ތައްޔާރު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އަމަލީ ގޮތުން އޮޑިޓް ކުރުމާއި، އޮޑިޓް ރިޕޯޓު ހެދުމުގެ މަސައްކަތު ބައްދަލުވުންތައްވެސް ކޮންފަރެންސްގައި ކުރިއަށް ދާނެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ލާމަރުކަޒީ ނިޒާމް



