ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސުކޫލު ހޯލުގަ އެވެ. ބައްދަލުވުން ކުރިއަށް ގެންދާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ގަ އެވެ.
ރައީސް މުއިއްޒުގެ މި ބައްދަލުވުން ތަކަކީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވާ ބައްދަލުވުމަކަށެވެ.
މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން މިހާރު ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު ވަނީ މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.



