މީޑިއާ ބިލާ ދެކޮޅު ހަދަންޖެހޭނީ، މީޑިއާގައި ނޫޅޭ މީހުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއުުމަން ރައިޓްސް ކޮމިޝަން އަށް މެންބަރަކު އައްޔަނު ކުރުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ މަޖިލީހުގައި މިހާރު އޮތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ފަލާހު ވިދާޅުވީ މިފަހުން މަޖިލީހާއި ސޯޝަލްމީޑިއާގައި އެއްކޮށްދެނެވެނީ މީޑިއާ ބިލުގެ ވާހަކަ ކަމަށެވެ.
މީޑިއާ ބިލާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި މީޑިއާތަކުން މިއަދު އިހުތިޖާޖު ކުރިއިރު، އެކަމާ ގުޅުވާ ފަލާހު ވިދާޅުވީ މީޑިއާގެ ބިލާމެދު ކަންބޮޑުވާނަމަ އެކަންބޮޑުވުން ފާޅުކުރަން އަންނަންޖެހޭނީ ރައްޔިތުން ކަމަށެވެ.
”މަސްތުވާތަކެއްޗާ ބެހޭ ބިލެއް، މިތަނުގައި އެ މަސައްކަތް ކުރިއަށްދާއިރު އެކަމާ ދެކޮޅަށް މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު އައިސްގެން ކަމަކު ނުދާނެ. އަސްލު އެކަމާ ދެކޮޅު ހަދަންވާނީ އެކަން ނުކުރާ މީހުން.“
ފަލާހު ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަ ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ. އަދި މީޑިއާގެ ކަންކަން އެންމެ ރަނގަޅަށްވެސް ކުރާނީ ޕީއެންސީގެ ސަރުކާރުންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ފަލާހު ވަނީ މީޑިއާގެ ވާހަކަ ދެއްކުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރަނގަޅު ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ މީޑިއާއަށް މިނިވަންކަން ދީގެން މަސައްކަތްކުރައްވާ ރައީސެއް ކަމަށްވެސް ވިދާޅުވި އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ. މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ”ހަތަރެއްގެ ހައްގުގައި“ ގެ ނަމުގައި ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ.
މި ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ.
މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު



