ހދ. ނޭކުރެންދޫގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މި ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޭކުރެންދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަ އެވެ. މި ބައްދަލު ކުރެއްވުމުގައި އެ ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ބޭނުންވާ ކަން ފާހަގަކުރެއްވި އެވެ. އަދި އެކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައި ބައެއް މަޝްރޫއުތަކަށް އަލިއަޅުއްވާލެއްވި އެވެ.
އެ ގޮތުން ނޭކުރެންދޫ ބަނދަރުގެ މަޝްރޫއުއަށް އަލިއަޅުވާލައްވައި ވަނީ އެ ރަށުގެ ބަނދަރަށް 100 ފޫޓު އިތުކުރުމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެމަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މިހާރު ފެށިފައިވާ، ހިނގާމުންދާ ބަނދަރުގެ މަޝްރޫއު ނިމިގެންދާނީ އަޅުގަނޑު ވައުދުވެފައިވާ ގޮތަށް 100 ފޫޓު އިތުރުކޮށްދީގެން. އިރާދަކުރެއްވިއްޔާ އެ ކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަނީ އަޅުގަނޑުމެން ހަމަޖައްސާފަ. އެހެންމަ އެކަމުގަ ދައްޗެއް ނެތި އެކަން ކުރިއަށް ދާނެ.“ ރައީސް ވިދާޅުވި އެވެ.
ބަނދަރުގެ މަޝްރޫއުއާއެކު ކުރިއަށް ދާނެ ބައެއް މަޝްރޫއުތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ދޯނި އެހެލާ ސަރަހައްދެއް ގާއިމްކޮށްދިނުމާ، މޫދަށް އެރޭނެ ބީޗެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މަޝްރޫއުއެއް އަންނަ އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
ނޭކުރެންދޫ ސުކޫލު މަޝްރޫއަކީ ގިނަ ދުވަސްވެފައިވާ މަޝްއޫއެއްކަން ފާހަގަކުރައްވާ ރައިސް ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމާ އާ ދިރާސީ އަހަރު ފެށެންވާއިރަށް އެ އިމާރާތުގެ ބޭނުން ކުރެވޭ ވަރަށް މަސައްކަތް ނިންމައިދެއްވާނެ ކަމަށެވެ.
ނޭކުރެންދޫ ގައި މީގެ ކުރިން ޖަލެއް ގާއިމް ކުރަން ނިންމި ބިން ރަށު ރައްޔިތުން އެދުނު ގޮތަށް ރަށު ކައުންސިލާއި ހަވާލުކޮށްދިނުމަކީ ވައުދުފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ބިން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާރު އަންނަނީ ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން މި ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ ކަންކަން ސާފުކުރައްވަ އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށެއްގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދެއްވަ އެވެ.



