400 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް އޮފިސަރެއް ރިޓަޔަރކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ މި ތަޙުޤީޤަކީ ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެކެވެ. މި މައްސަލަ މީޑިއާއަށް ފެންމަތިވެފައިވަނީ މި ހަފުތާ ތެރޭގައެވެ.
މި މައްސަލަ ފެންމަތިވެގެން އައިއިރު، މައްސަލައިގައި ތުހުމަތުކުރެވޭ ގިނަ އޮފިސަރުންތަކެއް ރިޓަޔަރކޮށްފައިވާކަމަށް ތުހުމަތުކުރެވުނެވެ. ނަމަވެސް، މި ތުހުމަތުތަކަށް ރައްދުދެމުން ކަސްޓަމްސްއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތަޙުޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ އެއްވެސް އޮފިސަރެއް އެ ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ފައިސާ ނެގުމުގެ ތެރޭގައި ރިޝްވަތުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި، މިހާރު އެ ތިން އޮފިސަރުންގެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް އެނގެއެވެ. ކޮމިޓީން މި މައްސަލަ ބެލުމަށް ސިއްރު ބައްދަލުވުންތަކެއް ބާއްވައި، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ބައެއް އިސްވެރިންނާ ސުވާލުކޮށްފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖެއަށް އެކި ބާވަތުގެ އެއްޗެހި އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ މައްޗަށް އަބަދުވެސް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަން ފާހަގަކުރެވެއެވެ.