އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ގެއަށް ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން މޫކޭގެ ގެއަށް ވަދެފައިވަނީ މިރޭ 1:30 ހާއިރު އެވެ.
ފުލުހުން އަންނީ މޫކޭ ދިރިއުޅޭ ގ. ދިލްކަސްގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓްގައި ހަރަކާތްތެރިވަމުންނެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި މިރޭ ފުލުހުން އަންނަނީ އެކިތަންތަން ބަލައި ފާސްކުރަމުންނެވެ. އެގޮތުން ގ. ދިލްކަސްގޭގެ އަށްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓާއި އޭނާގެ އަންހެނުންގެ އެޕާޓްމެންޓާއި މިމައްސަލައިގައި ތުހުމަތު ކުރެވޭ އާރްޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން ދިރިއުޅޭ އެޕާޓްމެންޓްވެސް އަންނަނީ ބަލައި ފާސްކުރަމުންނެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގަ އެވެ. އޭގެފަހުން މި މައްސަލައިގައި ނޮވެމްބަރު 2023 ގައި ފުލުހުން ވަނީ އާރްޑީސީއަށްވެސް ވަދެފަ އެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް މީގެކުރިން ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.