ޑޮލަރު މާރު ކުރަން ފަށާ ފަހުން ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުވެގެންދާނެ: އެމްއެމްއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑޮލަރު މާރު ކުރަން ފަށާ ފަހުން ބޭރަށް ފުރާ މީހުންނަށް ދޭ ޑޮލަރު އިތުރުވެގެންދާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރު މިގޮތަށް ވިދާޅުވީ މިއަދު އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ޑޮލަރު ދެނީ އެމްއެމްއޭގެ ރިޒާވް އިން ކަމަށާއި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ނޫން ކަމަށެވެ. ބޭރު ފައިސާ އާއި ބެހޭ ގަވާއިދަށް އިސްލާހު ގެނައުމުން މިހާރު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޭ 500 ޑޮލަރަށްވުރެ އިތުރަށް ޑޮލަރު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މީގެ އިތުރަށް ގަވަރުނަރު ވިދާޅުވީ އެމްއެމްއޭއިން އާންމުންގެ ހިޔާލަށް ހުޅުވާލި ޑްރާފްޓް ބިލުގައި ބޭރުފައިސާއިން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް އެފައިސާ ޖަމާކުރުން ލާޒިމް ކުރާ ކަމަށެވެ. ބޭރު ފައިސާއާއި ބެހޭ ގަވާއިދު އިސްލާހު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނަ ކަމުގެ ޔަގީންކަން ގަވަރުނަރު ދެއްވާފައި ވެއެވެ. މިފަދައިން އެމްއެމްއޭ އިން ޔަގީންކަން ދީފައިވަނީ ރިޒޯޓްތަކުގެ ވެރިން މި ގަވާއިދާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރުމާއި ގުޅިގެން ސަރުކާރަށް ޕްރެޝާ ވެގެން އެ ގަވާއިދަށް ބަދަލު ގެންނަން އުޅޭ ކަމުގެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.

އެމްއެމްއޭ އިން މި ބައްދަލުވުމުގައ ހުށަހަޅާފައިވާ ޕްރެޒެންޓޭޝަން އިން ދައްކާގޮތުގައި 2019 ވަނަ އަހަރުން ފެށިގެން 2023 ގެ ނިޔަލަށް ފަތުރުވެރިކަމަށް ކުރިއެރުންތަކެއް އައިސްފައި ވެއެވެ. ނަމަވެސް އޭގެއިން އެމްއެމްއޭ އަށް ވަންނަ ފައިސާގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ބޭންކަތަކަށް ފަތުުރުވެރިކަމުގެ ސެކްޓާގެ 74 އިންސައްތަ ފައިސާ ވަދެފައި ވެއެވެ. ނަމަވެސް 2023 ވަނަ އަހަރާއި ހަމައަށް  ވަން ފައިސާގެ އަދަދު ވަނީ 52 އިންސައްތައަށް ތިރިވެފަ އެވެ.

”ގާތްގަނޑަކަށް 4.5 ބިލިއަން ޑޮލާސްގެ އިންޑަސްޓްރީއެއް ޓޫރިޒަމް އިންޑަސްޓްރީއަކީ. މިހާރު ޓޫރިޒަމް ސެކްޓާ އިން ބޭންކްތަކަަށް މާރުކުރަނީ އޭގެ 3 އިންސައްތަ. މިހާރު ހުރިހާ ސެކްޓާސްތަކުން ބޭންކްތަކަށް މާރުކުރާ އިންސައްތަ ހުރީ ޖުމްލަ 10 އިންސައްތައިގައި“

ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި އެ ގަވާއިދު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ 17 ނޮވެމްބަރު ވަނަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.

އެމްއެމްއޭ އިން މި ސިޔާސަތު ތައާރަފް ކުރީ ގައުމީ ބޭންކް، ބޭންްކް އޮފް މޯލްޑިވްސްގައި ޑޮލަރުގެ ދަތިކަން ކުރިމަތިވާ މައްސަލަ ހައްލުކުރުމަށެވެ. އެ ސިޔާސަތުގައިވާ ގޮތުން ކެޓަގަރީ އޭ ރިސޯޓްތަކާއި ހޮޓަލްތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ގެސްޓް ޗެކްއިން އަކަށް ލޯކަލް ބޭންކަކަށް 500 ޑޮލަރު ޖަމާކޮށް ބަދަލުކުރަން ޖެހެ އެވެ. މީގެ އިތުރުން ގެސްޓް ހައުސް ފަދަ ކެޓަގަރީ ބީގެ ތަންތަނުން ގެސްޓަކަށް 25 ޑޮލަރު ޖަމާކުރަން ޖެހެ އެވެ. މި އާ ސިޔާސަތަށް އަމަލުކުރަން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

ކެޓަގަރީ ސީގެ ދަށުން ނޮން ޓޫރިޒަމް ސެކްޓާއިން ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީއަށް ބަލާފައިެ 25 އިންސައްތައަށް ވުރެ ބޮޑު ނުވާ އަދަދެއް އެމްއެމްއޭއަށް މާރުކުރާ ގޮތަށް ބިލުގައި ޑްރާފްޓްކޮށްފައި ވެއެވެ.

ނަމަވެސް، އުމުރުން 2 އަހަރު ނުވާ ފަތުރުވެރިންނާއި ކޮމްޕްލިމެންޓަރީ ބޭސިސްއަށް (ހިލޭ ޓޫރިސްޓް ސްޓޭ) ރިސޯޓްތަކުގައި މަޑުކުރާ ފަތުރުވެރިންނާއި 24 ގަޑިއިރު ނޫން މުއްދަތަކަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ތަނެއްގައި މަޑުކުރާ ފަތުރުވެރިން ޑޮލަރު މާރުކުރުމުން އިސްތިސްނާވާ ގޮތަށް މި ބިލުގައި ވެއެވެ.

މުނައްވަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕްކުރިކުރީނުން އަދި ދަރަނި ނެގި ނެގީނުން ދައުލަތް އަނދަވަޅަކަށް ވެއްޓިގެންދިޔައިރު 5 އަހަރު ތެރޭގައި އެއްވެސް ހަރުމުދަލެއް ހެދިފައި ނެތް ކަމަށެވެ. ފޮރިން އެކްސްޗޭންޖް ގާނޫނެއް ނެތް ގައުމެއް މިހާރު ނުހުންނާނެ ކަމަށްވެސް މުނައްވަރު ވިދާޅުވި އެެވެ.

އަހުމަދު މުނައްވަރު އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ