ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ)ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެމް.އެސް.ސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ “ “MSC MANASA F އިއްޔެ މާލޭގައި ބަނދަރުކޮށްފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލްއިން ވަނީ އިއްޔެ ވޯޓާ ސެލިއުޓްއެއް ދީފަ އެވެ.
އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ރަސްމިއްޔާތެއް ބޭއްވި އެވެ. މި ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމް.ޕީ.އެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލާ އެރުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވަނީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަން އިން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ހިިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސީ.އީ.އޯ ވަޖީހް ފާހަގަކުރެއްވި އެވެ.
ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރ އައިމަން ޖަލީލް ވިދާޅުވީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމް.ޕީ.އެލްގެ ފަރާތުން ކަމަށެވެ. އަދި އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
އެމް.އެސް.ސީގެ ބޯޓުން 800 ކޮންޓޭނަރ ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯ އެވެ.
އެމް.އެސް.ސީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)