މެކްސިކޯއާއިއެކު ގުޅުން ބަދަހިކުރަން އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ މެކްސިކޯގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް މަރުހަބާ ވިދާޅުވެ، ފޮނުއްވި މެސެޖެއްގަ އެވެ.
މެކްސިކޯގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ރައީސާއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އެކަމަނާ އިންތިހާބުގައި ހޯއްދެވި ކާމިޔާބީން ދައްކުވައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި އެގައުމުގެ މުސްތަގުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ގައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަންނަ އަހަރަކީ ރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމްކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަވާފައި ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - މެކްސިކޯ މެކްސިކޯ