ރައީސް ޑރ. މުހައްމަދު މުއިއްޒު، މާޒީގައި އެއްވެސް ވެރިއަކަށް ނިންމަވަން ނުކެރުނު ނިންމުމެއް ނިންމަވާފައިވާ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަމްދޫހު މިގޮތަށް ވިދާޅުވީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރިކަން ސަރުކާރުން މިރޭ ހާމަކުރުމާއި ގުޅިގެން ނެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަކި މިންވަރެއްގެ ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒުކުރަން ރޭ ފަށާފައި ވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކުރި އައު ގަވާއިދެއްގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ. އަދި މި ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއާ ހިއްސާކުރަންޖެހޭނެ އެވެ.
މިކަމާއި ގުޅޭގޮތުން މަމްދޫހު ކުރެއްވި ޓްވީޓްގައި ވަނީ 1972 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ފަތުރުވެރިކަން ރާއްޖޭގައި ފެށި ނަމަވެސް، މިސިނާއަތުގެ ފައިދާ ދިވެހި އިްގްތިސާދުގެ ތެރެއަށް ހަގީގީ މާނައިގައި ފޯރާނެ މަގަށް އެދެވޭ މަސައްކަތްތައް އެކިއެކި ވެރިކަން ނިމިދިޔަ އިރުވެސް ކުރެވިފައިވާ މަންޒަރު ފެނިފައި ނުވާ ކަމަށެވެ. ހަމަ އެކަނި ދައުލަތަށް، ދިވެހި އިގްތިސާދުގެ ތެރެއަށް ވަންނަ އެއްޗަކަށްވެފައި އޮތީ ތަފާތު ޓެކްސްތައް ކަން މަމްދޫހު ފާހަގަކުރެއްވި އެވެ. އެތައް މިލިއަން ފަތުރުވެރިންނެއް، އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ ރިސޯޓުތަކަށް އައުމަށް ހަރަދުކުރާއިރު، އެޑޮލަރަކީ އެއްވެސް ސިފައެއްގައި ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރެއް ނޫން ކަމަށް މަމްދޫހު ވިދާޅުވި އެވެ. އަދި އެޑޮލަރު ދަނީ އެހެން ގައުމުތަކުގެ އެކައުންޓްތަކަށް ކަމުގައި މަމްދޫޙުގައި ޓްވީޓްގައި ވެެއެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރުގައި ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިއުލާންކޮށްފައިވަނިކޮށެވެ.