ދިރިއުޅޭ ދާއިރާއަށް ވޯޓްދެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދާއިމީ އެޑްރެހުގެ ބަދަލުގައި މީހުން ދިރިއުޅޭ ސަރަހައްދަށް އިންތިހާބުތަކުގައި ވޯޓުލެވޭނެ ގޮތް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ހަސަން އިތުރަށް ވިދާޅުވީ، ބައެއް ބޭރު ގައުމުތަކުގައިވެސް އިންތިހާބުތަކުގައި ވޯޓުލާއިރު، ދާއިމީ އެޑްރެހުގެ ބަދަލުގައި ވަކި މުއްދަތަކަށް ދިރިއުޅޭ ”ރެސިޑެންސް“ އެޑްރެހަށް ބިނާކޮށް އެ ސަރަހައްދަކަށް ވޯޓުލެވޭ އުސޫލު ގެންގުޅޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ގިނަ މީހުން މާލޭގައި ދިރިއުޅެމުން، ލޯކަލް ކައުންސިލް ފަދަ އިންތިހާބުތަކުގައި ވޯޓުލާއިރު، ރަށުގައި ދިރިއުޅޭ ރައްޔިތުން އެދޭ ކެންޑިޑޭޓުންގެ ބަދަލުގައި އެހެން ފަރާތްތައް އިންތިހާބުވާ ހާލަތްތައްވެސް ދިމާވެ އެވެ.
”ހަގީގަތުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ، އެތަނަކުން ހިދުމަތް ހޯދާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތްތަކެއް ރައްޔިތުންގެ ފަރާތުން އިންތިޚާބުވަމުންދާކަން ފާހަގަކުރެވޭ. މިއީ މާލޭގައި ދިރިއުޅޭ މީހުން ވޯޓުލުމުގެ ސަބަބުން ދިމާވާ ކަމެއް،“
މި މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ސިޔާސީ ޕާޓީތަކާއެކުވެސް މަޝްވަރާކުރަމުންދާ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި އިތުރަށް މައުލޫމާތުދެއްވަމުން ހަސަން ވަނީ އެންމެ ފަހު ދެ އިންތިހާބުގައި ވޯޓު ލީ މީހުންގެ އަދަދު ދަށްވި ސަބަބުތައް ބެލުމަށް އީސީ އިން ސާވޭއެއް ކުރިއަށްގެންދާނެ ކަމަށްވެސް މައުލޫމާތު ދެއްވާފަ އެވެ.