ފެނަކައަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 7.4 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މިދިޔަ ސަރުކާރުގައި ހިންގި ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރަނިވެރިވި ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ފެނަކައިން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނިން ބުނީ އެ ކުންފުންޏަށް ފައިދާ ލިބުނީ މައިގަނޑު ގޮތެއްގައި ހަރަދުކުޑަކޮށްގެން ކަމަށެވެ. ފެނަކައިން ބުނީ ހަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުނިން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.
އެންމެ ބޮޑަށް ހަރަދު ހިނގާ ކަންތައްތައް ދެނެގަނެ، އެ ކަންތައްތަކަށް ދާ ހަރަދު ކުޑަކުރެވުނު ކަމަށް ފެނަކައިން މައުލޫމާތު ދިނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ލޮޖިސްޓިކްސްއަށްކަން ފެނަކައިން ފާހަގަކުރި އެވެ.
”އެންމެ ބޮޑު ހަރަދެއްގެ ގޮތުގައި މިއޮތީ ދަތުރުފަތުރުގެ ހަރަދު“ ފެނަކައިން ވަނީ ދަތުރުފަތުރަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ދޯންޏެއް ހިފައިގެން މަސައްކަތްތަކެއްވެސް ކުރެވިފައިވާ ކަން ފާހަގަކޮށްފަ އެވެ.
އޭގެ އިތުރަށް މިދިޔަ ކުއާޓަރަށް ބަލާކަމަށްވަންޏާމު މި ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، ޕްރޮކިއުމަންޓް ޕޮލިސީ ހަރުދަނާ ކުރެވުނު ކަމަސް ފެނަކައިން ބުންޏެވެ.
”ޕްރޮކިއުމެންޓް ޕްރޮސެސިންގެ ތެރެއިން ހަގީގަތުގައި އެކަންކަން ހާސިލުކުރެވުނީ. އެއީ އަޅުގަނޑުމެން ދޯނި ނެގީ ތަންކޮޅެއް ކުރީކޮޅުގަ“
މިދިޔަ ކުއާޓަރުގައި ސާވިސް ސެންޓަރެއް ގާއިމުކުރި ކަމަށް ފެނަކައިން ބުންޏެވެ. އަދި މިހާރު ލޭންޑިން ކްރާފްޓެއް ގަތުމުގެ މަސައްކަތްވެސް ކުރިއަށް އެބަދާ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
ލޮޖިސްޓިކްސްގެ އިތުރުން މުވައްޒަފުންގެ މައްޗަށް ކުރެވުނު ހޭދަ (ސްޓާފް ކޮސްޓްވެސް) ބޮޑު ކަމަށް މި ބައްދަލުވުމުގައި ބުނެފައި ވެއެވެ. ފެނަކައިން މިހެން ބުނީ މިިދިޔަ ސަރުކާރުގައި ފެނަކައަށް 2000 އެއްހާ ކޮންޓްރެކްޓް ސްޓާފުން ނެގި ވާހަކައަށް އިޝާރާތްކޮށްފަ އެވެ.
ފެނަކައިން މިހާރު ވަނީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށްކުރާ ހަރަދުވެސް އެއްކޮށް ހިފަހައްޓާފަ އެވެ.
ޔޫއާރްއޭއިން ޓެރިފަށް ކަނޑައަޅާ ގޮތަށް ބިލް ކުރާ ބަަޔަކަށްވުމުން ކުއްލިއަކަށް އަގުމަތިކޮށްގެން ރެވެނިއު ނުހޯދޭނެ ކަމަށްވާތީ ފެނަކައަށް ލިބުނު ފައިދާއަކީ މުޅިންވެސް ހަރަދުތައް ކުޑަކުރުމުގެ ނަތީޖާއެއް ކަމަށް ފެނަކައިން ބުނެފައި ވެއެވެ.


