ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ހައްޖަށް ވަޑައިގަތުމަށްފަހު މިނިސްޓަރު ވަނީ މިއަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ބައެއް ކަންކަން ފާހަގަ ކުރެވުނުކަމަށް ވިދާޅުވެފަ އެވެ. އަދި އެކަންކަން ރަނގަޅުކުރުމަށް ކުރިމަގުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ ހައްޖަކީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އެންމެ ގިނަ އަދަދެއްގެ މީހުން ހައްޖުގެ އަޅުކަން އަދާކުރި ފަހަރުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ހައްޖުގެ އަޅުކަމުގެ ތެރެއިން ހައްޖާޖީންނަށް ފެންވަރު ރަނގަޅު ދިވެހި ކެއުމާއި ބަލި މީހުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޝަހީމް ވަނީ މިއަހަރުގެ ހައްޖަށް ވަރަށް ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން ގޮސްފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ޑައިލެސިސް ހަދާ މީހުންނާއި، ކެންސަރު ބަލީގެ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިޔަ ކަމަށާއި މި އެންމެންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިއަހަރުގެ ހައްޖުގެ ތެރެއިން ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އަންނަ އަހަރަށް އެކަންކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އެގޮތުން ޝަހީމް ވަނީ މިނާގައި ހައްޖާޖީން ތިބި ފޭލިގޭގެ ތާށިކަން ފާހަގަ ކުރައްވާފަ އެވެ. އަރަފާތު ބިމުގައި ހައްޖާޖީން ތިބި ފޭލިގޭގެ ހާލަތު ރަނގަޅު ކަމަށާއި މިނާގައި ތިބި ފޭލިގޭގައި ތާށިކަމެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަން މެދުވެރިވި ގޮތެއް ބަލާ ކުރިއަށް އޮތްތާ އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއިން 1،150 ދިވެހިން ވަނީ މައްކާއަށް ގޮސްފަ އެވެ. އެ ހުރިހާ އެންމެންވެސް ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. މި މީހުންގެ ތެރެއިން އެކަކު ވަނީ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ތެރޭގައި ނިޔާވެފަ އެވެ.
ހައްޖު ހައްޖު ކޯޕަރޭޝަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު