”އީދު ހަވީރު 1446“ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާން ނިންމައިފި އެވެ.
އިއްޔެ ހަވީރު ފެށިގެންދިޔަ އީދު ހަވީރުގެ ހަރަކާތްތައް މިއަދު އަދި އޭޕްރީލް 1 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މި ހަރަކާތްތައް ކުރިޔަށް ގެންދާނީ ޖުމްހުރީ މައިދާން ސަރަހައްދުގަ އެވެ.
އެމްއެންޑީއެފް އާއި ފުލުހުންނާއި ސަރުކާރުގެ 8 ކުންފުންޏެއް ގުޅިގެން މިޢީދު ހަވީރުގެ ހަަރަކާތްތައް އިއްޔެ ހަވީރު ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު އަދި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންގޮސްފަ އެވެ.
މި ހަރަކާތުގައި ރައީސް، ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާއިން ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޠުރު ޢީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ”ޢީދު ހަވީރު“ގައި އެމްޓީސީސީއިން ”އެމްޓީސީސީ އީދު ކޯޑީ“ ގެ ނަމުގައި ހާއްސަ ސްޓޯލެއް ބަހައްޓައި، ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އަދި މި ހަވީރުގައި ވެމްކޯ، އެމްޓީސީސީ، އަދި އެމްއޭސީއެލް ފަދަ އެހެނިހެން ސަރުކާރު ކުންފުނިތަކުން ވެސް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާ އަރުވައި ޑްރޯން ޝޯއެއް ކުރިޔއަށް ގެންގޮސްފައިވާއިރު މާލޭގައި ސަގާފީ ކުޅިވަރެއް ކަމަށް ވާ ”ހިއްޗަށް ދިޔުން“ ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
