ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.
މި އިނާމު އުރީދޫއަށް ދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
2005 ވަނަ އަހަރު ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފެށި މި ކުންފުނިން ވަނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބަދަލުކޮށް، މުވާސަލާތީ ގޮތުން ރާއްޖެ ގުޅުވައިދީފައެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިންގެ އިތުބާރު ހޯދައި، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ޕްލޭނާއެކު 2013 ވަނަ އަހަރު ވަތަނިއްޔާ ”އުރީދޫ މޯލްޑިވްސް“ އަށް ރީބްރޭންޑް ކުރިއެވެ.
މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުން، އުރީދޫއަކީ ޑިޖިޓަލް އެކި ދާއިރާތަކުން ރާއްޖެ ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން 2022 ވަނަ އަހަރު ތަޢާރަފްކުރި އުރީދޫ ނޭޝަން – ގޭމާޒް ލޭންޑް އަކީ ރާއްޖޭގެ ގޭމަރުންނަށް އަމާޒުކޮށް ތަޢާރަފްކުރި ފުރަތަމަ ޕްލެޓްފޯމެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ބޮޑެތި އިނާމުތައް ހުށަހަޅައި، ފުޅާ ދާއިރާއެއްގައި ގޭމިންގ މުބާރާތެއް ބޭއްވި ފުރަތަމަ ޕްލެޓްފޯމްވެސް މެއެވެ.
މިހާރު އުރީދޫއިން ވަނީ ރާއްޖޭގެ 80 ޕަސެންޓް ސަރަޙައްދަށް 5ޖީގެ ޚިދުމަތް ފޯރުކޮށްދީފައެވެ. މިއީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ކުރެވުނު އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.



