ދައުލަތުގެ އާމްދަނީ 8.8 ބިލިއަނަށް އަރައި، ޚަރަދަށްވުރެ އާމްދަނީ 1.2 ބިލިއަން އިތުރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް އަރައި، ދައުލަތުން ޚަރަދުކުރި މިންވަރަށްވުރެ ލިބުނު އާމްދަނީ އިތުރުވެ، ބަޖެޓު ސާޕްލަސް ވެއްޖެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މާރިޗު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 800 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ޚިދުމަތުގެ ޓެކްސްއިންނާއި އެއަރޕޯޓު ތަރައްޤީކުރުމަށް ނެގޭ ފީއިންނެވެ.

މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ނަމަވެސް، މުވައްޒަފުންނަށް ހިނގާ ޚަރަދާއި، އާސަންދައާއި ސަބްސިޑީގެ ބައިން ޚަރަދު އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ އޯވަރޯލް ބަޖެޓް ބެލެންސްއަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރެވި، ޑެފިސިޓްގައި ހުރި ހާލަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

މި މުއްދަތުގައި އެންމެ ގިނައިން ޚަރަދު ހިނގާފައިވާ އިދާރާތަކުގެ ތެރޭގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (883.8 މިލިއަން ރުފިޔާ)، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (668.6 މިލިއަން ރުފިޔާ)، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ (441.8 މިލިއަން ރުފިޔާ) ހިމެނެ އެވެ.

ދައުލަތުގެ އާމްދަނީގެ 79 ޕަސެންޓަކީ ޓެކްސް އާމްދަނީ ކަމަށްވާއިރު، 20 ޕަސެންޓަކީ ޓެކްސް ނޫން އާމްދަނީ އެވެ. އަދި 1 ޕަސެންޓަކީ ހިލޭ އެހީ އެވެ. މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި 47.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައިވަނީ ޚަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީ އެވެ. މީގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100.0 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓްވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ސަރުކާރުން އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށް އިޤްތިޞާދީ މާހިރުން ދެކެ އެވެ. ނަމަވެސް، ދައުލަތުގެ ދަރަނި މަތިވަމުންދާ މިންވަރާމެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތައްވެސް އެބަތިބި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ