މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ ސްޕޮންސަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކަނޑައަޅައިފި އެވެ.
މިކަން އެމްޕީއެލް އިން ހާމަ ކޮށްފައި ވަނީ، މިއަދު އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގެ ސްޕޮންސަރަކަށް ވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނީ 2025 ފެބްރުއަރީ 6 އިން 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ 2025 އިންތިޒާމުކުރަނީ މީޑިއަމް އިވެންޓްސް އިންނެވެ. މިއީ ސަފާރީ ސިނާޢަތަށް ޚާއްޞަކޮށްގެން ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ބާއްވަމުން އަންނަ އިވެންޓެވެ.
މިފަހަރުގެ އެކްސްޕޯގައި ވެސް ވިޔަފާރިތައް އެގްޒިބިޓް ކުރާނެ ސްޓޯލްތަކާއި، ބޯޓުތައް ދައްކާލަން ޚާއްސަ ސަރަޙައްދެއްގެ އިތުރުން މަަޢުލޫމާތު ދިނުމުގެ ސެމިނާތަކާއި އާންމުންނާއި ގުޅުންހުރި ކަންކަންވެސް ކުރިއަށް ގެންދާނެ އެވެ. ކަނޑުގެ އުޅަނދުފަހަރާއި، އެ އުޅަނދުތަކަށް ބޭނުންވާ ތަފާތު އާލާތްތައް ވިއްކާ ވިޔަފާރިތަކުގެ އިތުރުން، މި އުޅަނދުތަކަށް ތަފާތު ޚިދުމަތްދޭ އިންޝުއަރެންސާއި ލޮޖިސްޓިކްސް ވިޔަފާރިތަކުން ވެސް އެކްސްޕޯގައި ބައިވެރިވާނެ އެވެ.