މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް 330 ގެ ވައިޑް ބޮޑީ އެއާކްރާފްޓާއެކު އިންޑޮނޭޝިއާ އާއި ސްލޮވޭނިއާއިން ޗާޓަރު ފްލައިޓްތަކެއް އަޅަން ހުށަހެޅުންތަކެއް ލިބިއްޖެ އެވެ.
މޯލްްޑިވިއަންގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުންފުންޏަށް ވަނީ ޗާޓަރ ފްލައިޓްތައް އެޅުމަށް ދެ ޤައުމަކުން ހުށަހެޅުން ލިބިފަ އެވެ. އަދި އެއީ އުމްރާއާ، ހައްޖުގެ އަޅުކަމަށް މީހުން އުފުލުމަށްކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އޭގެއިތުރުން ރާއްޖޭގެ އުމްރާވެރިން އުފުލުމަށްވެސް ކުންފުނިތަކުން ހުށަހެޅުންތައް ލިބެމުން އަންނަކަމަށް އޮފިޝަލާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު އޭ-330 މަރުކާގެ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 22 ވަނަ ދުވަހު ޗައިނާގެ ޗެންޑޫ އަށް ފަށަން ތައްޔާރުވަމުންނެވެ. އަދި މިހާރު ޝެޑިއުލް ދަތުރުތަކުގެ ޓިކެޓު ވިއްކުމަށް ތައްޔާރުވެފައިވާކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު މޯލްޑިވިއަނުން ގެނައި މި ވައިޑްބޮޑީ މަތިންދާބޯޓަކީ އެއްފަހަރާ 260 މީހުންނަށް ދަތުރުކުރެވޭނެ ބޯޓެކެވެ. މި ފްލައިޓުގައި ތިން ކްލާސް އޮވެއެވެ. އެއީ ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހެވެ. މީގެ އިތުރުން 10 ޓަނުގެ ކާގޯ މި ބޯޓުގައި އުފުލޭނެއެވެ.
ގައުމީ އެއާލައިން އިން ދަނީ މި މަހު އިތުރު އޭޓީއާރު ބޯޓެއް ގެންނަން ތައްޔާރުވަމުންނެވެ. އަދި މީގެ އިތުރުން މި އަހަރުގެ އޮކްޓޫބަރު މަހު އިތުރު ވައިޑް ބޯޑީ އެއާކްރާފްޓެއް ގެންނާނެކަމަށް މޯލްޑިވިއަނުން ހާމަކޮށްފައިވެއެވެ.