ބޭރުފައިސާއާބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރުމުގެ ގަވާއިދު މިއަދު އާންމުކޮށްފިއެވެ.
”ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު“ ގެ ނަމުގައި މި ގަވާއިދު އެކުލަވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިޞްލާޙުތަކާ ގުޅިގެންނެވެ.
މި ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓްރީވާން ޖެހޭނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކެވެ. އަދި މާލީ އިދާރާތައް ފިޔަވައި ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރާ އެއްވަރުގެ އަދަދެއް ލިބިފައިވާ ފަރާތްތަކުން ވެސް ރަޖިސްޓްރީވާން ޖެހޭނެ އެވެ.
މި އަހަރު ފެށުނު ފަހުން 15 މިލިއަން ޑޮލަރު ލިބިފައިވާ ފަރާތްތަކުން ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅަންޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިންނެވެ. އަދި މި އަހަރު ފެށުނު ފަހުން ޓޫރިޒަމާ ގުޅުން ހުރި ޚިދުމަތެއް ދޭން ފަށާފައިވާ ފަރާތްތަކުން އެ ޚިދުމަތް ފެށި ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.
ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅަންޖެހޭނީ އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ޕޯޓަލް މެދުވެރިކޮށެވެ. މި ގަވާއިދުގެ ދަށުން ގެސްޓްހައުސްތަކުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހޭ އިރު، ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކްތަކުގައި މާރުކުރަންޖެހޭނެ އެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އަދި ރަޖިސްޓްރީވުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.